ސަރުކާރުން އިންޑިއާ ސިފައިން ބޭރުކުރި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ފާއިތުވި މެއި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހެއް އަދި އިންޑިއާ ސިފައިންގެ މީހެއް ނުހުނާނެކަމަށް ރައީސް މުއިއްޒުއާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ ވިދާޅުވެފަ އެވެ.

އުމަރު ނަސީރު ވިދާޅުވީ އިންޑިއާ ސިފައިން ބޭލިކަމަށް ބުނެ ސަރުކާރުން ހަދަނީ ކަނޑައެޅިގެން ދޮގުކަމަށާއި އިންޑިއާ ސިފައިން ކުރިންވެސް ތިބިގޮތަށް އެބަތިބި ކަމަށާއި ހަމައެކަނި ބަދަލުކޮށްލީ އެމީހުންގެ ހެދުންކަމަށެވެ.

"އިންޑިއާ ސިފައިން ބޭލިޔޭ، ވައުދު ފުއްދީޔޭ ކިޔަނީ މީ ނޮންސަންސް. ވަރަށް ދެރަވޭ ލަދުވެސް ގަނޭ މިބޭފުޅުން މިހެން ކިޔާތީ. އެބޭފުޅުން ނޫންތޯ އިންޑިއާ އައުޓް މޭމަތީގަ ޖައްސަވައިގެން ހިންގެވީ،" އުމަރު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތާ 14 އަހަރު ވެއްޖެ ކަމަށާއި މީގެ ނުރައްކާ ވަރަށް ބޮޑުކަން އޭނާ ފާހަގަ ކުރެއްވި އެވެ. މީގެން ފެންނަ ނުރައްކަލަކީ އިންޑިއާގެ ބާރުގަދަކަމާއި އެމީހުނަށް މި ގޭމު ކުޅެން އެނގުންކަމަށް އުމަރު ވިދާޅުވި އެވެ. އިންޑިއާއިން ބޭނުންވީމަ އޭރެއްގެ އޮންނަ ސަރުކާރެއްގެ އަތް އަނބުރާލަންވީމަ އަންބުރާލާފަ މެޓާ ދޭންވީމަ ދެވޭކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ނަސީރަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަބަދުވެސް ވަކާލާތުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕީޕީއެމް ކޯލިޝަން އިދިކޮޅުގައި ތިބިއިރު އެންމެ ގަދައަށް ދެއްކި ވާހަކައަކީ އިންޑިއާ ސިފައިން މިގައުމުގައި ގާއިމުވެ ތިބި ވާހަކަ އެވެ. ނަމަވެސް ވެރިކަން ލިބުނުފަހުން މިކަމާއި މެދު ދައްކާ ވާހަކަތައް ވަނީ ބަދަލުވެފަ އެވެ. އިންޑިއާ ސިފައިން ބޭރުކުރާނެ ކަމުގެ ވައުދާ އެކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިނަމަވެސް، "އިންޑިއާ އައުޓު"ގެ ވާހަކަ ދައްކަން މި ސަރުކާރުން ލަދުވެތިވެ، ބިރު ގަންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ.