ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ ސައިޒުކުޑަކުރަން ނޫން ކަމަށާއި ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ ކައުންސިލްތައް ސައިޒު ކުރަންކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ހިސާން މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ހަވަރު ބެރު"ގެ މިރޭގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

"މުޅި ގައުމުގަ މިތިބީ 1300 އިންތިހާބީ ކައުންސިލަރުން، ސަރުކާރުގައި 2000 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިބި. ހަގީގަތުގަ މިއުޅެނީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރާކަށް ނޫން، ރައީސް މުއިއްޒު ނުކުމެވަޑައިގެން އެ އުޅުއްވަނީ ކައުންސިލްތައް ސައިޒު ކުރަން،" އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ (ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރު) އަކީ ރައީސް މުއިއްޒު ވަރަށް ހިއްޕުޅާވާ މާއްދާއެއް ކަމަށެވެ. އަދި ރައީސް ހީފުޅުކުރައްވަނީ އެ މާއްދާ އެކަނި ބޭނުންކޮށްގެން މުޅި ދައުލަތް ހިންގޭނެ ކަމަށެވެ.

ރައީސް މުއިއްޒަށް ލާމަރުކަޒީ ގާނޫނު ހިތްޕުޅާނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި އެ ޕާޓީގެ ނައިބު ރައީސް އަދި ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

ގާނޫނު އަސާސީ ބައްޓަންވެފައި އޮތީ ބާރުތައް ވަކިކޮށް، ރައްޔިތުންގެ މަޖިލީހާ ސަރުކާރާއި ޖުޑީޝަރީ އަދި މިނިވަން މުއައްސަސާތަކާއެކުކަން ފާހަގަ ކުރައްވާ ހިސާން ވިދާޅުވީ ދައުލަތެއް ހިންގުމުގެ އޮނިގަނޑެއް، ނިޒާމެއް ގާނޫނު އަސާސީގައި އެބައޮތް ކަމަށާއި އެގޮތަށް ނޫން ގޮތަކަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތް ހިންގޭނެ ކަމަށް ގަބޫލުކުރެވުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

މަރުކަޒީ ބާރުވެރިކަމާއި ރަށްރަށުގެ ވެރިން ކޮންޓްރޯލްކުރަން މާލޭގައި ހުންނަ ވެރިމީހާ ބޭނުންކުރާ ހަތިޔާރެއް ގޮތަށް މި ނިޒާމުއޮތުން އެއީ ރައްޔިތުން ބާރުވެރި ކުރެވޭނެ ގޮތެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ. އަދި ލާމަރުކަޒީ ނިޒާމު އުފަންވެގެންއައީ އެފަދަ ކަންކަމާ ދެކޮޅަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި އެ ޕާޓީގެ އިސްވެރިންތަކެއް ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

ލޯކަލް ކައުންސިލްތަކުގެ ސައިޒު މިހާރު މާބޮޑު ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު މި ސަރުކާރުން ގެންނަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.