ހިއްސާގެ ބާޒާރަށް އައި ލޮޅުމެއްގެ ސަބަބުން 24 ގަޑިއިރު ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ގޮތުގައި ބެލެވޭ ވިޔަފާރިވެރިންގެ މިލްކިއްޔާތުން 149 ބިލިއަން ޑޮލަރު އުނިވެއްޖެ އެވެ.
ބްލޫމްބާގްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖެފް ބެޒޯސްގެ އެމޭޒަން ކުންފުނީގެ ހިއްސާގެ އަގު 8.8 ޕަސެންޓް ދަށްވެފައިވާއިރު ވެރިޔާ މާކް ޒަކަބާގްގެ ކުންފުނި މެޓާގެ ހިއްސާގެ އަގު 1.9 ޕަސެންޓް ދަށްވެ އޭނާއަށް ވެސް 3 ބިލިއަން ޑޮލަރު ވަނީ ގެއްލިފަ އެވެ.
ހަމައެއާއެކު ޓެސްލާ ކުންފުނީގެ ހިއްސާގެ އަގުގައި 4.2 ޕަސެންޓްގެ ދަށްވުމެއް ފާހަގަވިއިރު އޭގެ ސަބަބުން އެ ކުންފުނީގެ ވެރިޔާ އިލަން މަސްކްގެ މިލްކިއްޔާތުން ވެސް 6.6 ބިލިވަން ޑޮލަރު އުނިވެފައިވެ އެވެ.
މި ތިން މީހުންގެ އިތުރުން ވެސް ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ 500 ވިޔަފާރިވެރިންގެ މިލްކިއްޔާތަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކޮށްފައިވެ އެވެ. އެގޮތުން ޖުމްލަކޮށް މަހުޖަނުންގެ މިލްކިއްޔާތުން 149 ބިލިއަން އެމެރިކާ ޑޮލަރު އެއް ދުވަސްތެރޭގައި ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިދިޔަ ހުކުރު ދުވަހު ހިއްސާގެ ބާޒާރަށް އައި މި ލޮޅުމަކީ ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ލޮޅުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިއާއެކު އެމެރިކާގެ އިގުތިސާދު 25 ޕަސެންޓް ދަށްވެ ދުނިޔޭގެ އިގްތިސާދަށް ވެސް އެކަމުގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.