ބޯކޮށް ވާރޭވެހުމާ ގުޅިގެން އިންޑިޔާގެ ކެރަލާ ސްޓޭޓުގެ ވަޔަނާޑްގެ ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުތު އިންޑިއަން ސިނަމާ އާއި ބޮލީވުޑްގައި ވެސް މަޝްހޫރު އެކްޓަރު އައްލޫ އަރުޖުން 25 ލައްކަ ރުޕީސް ހަދިޔާކޮށްފި އެވެ.
މިދިޔަ ހަފްތާގައި ވަޔަނާޑަށް ކުރި ވިއްސާރާގައި ލިބުނު ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކްޓަރު އައްލޫ ވަނީ ކެރެލާގެ ޗީފް މިނިސްޓަރު ރިލީފް ފަންޑަށް 25 ލައްކަ ރުފިޔާ ހަދިޔާކޮށްފަ އެވެ.
އައްލޫ އަރުޖުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވަޔަނާޑްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އަދި ކެރެލާގެ މީހުންނަކީ އަބަދުވެސް އޭނާއަށް ވަރަށް ލޯބި ދިން ބަޔަކަށް ވާތީ، އެމީހުންށް އެހީވާން ނިންމާފައިވާ ކަމަށްވެސް އައްލޫ ބުނެފައިވެ އެވެ.
އިންޑިއާގެ ދެކުނު ސަރަހައްދަށް ކުރި އެ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.
އައްލޫ މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިލްމް "ޕުޝްޕާ 2" ގަ އެވެ. މި ފިލްމުގައި އައްލޫގެ އިތުރުން ރަޝްމިކާ މަންޑަންނާ އަދި ފަހާދް ފާސިލް ލީޑު ރޯލުން ފެނިގެން ދާނެ އެވެ. ފިލްމް ރިލީޒް ކުރުން އޮތީ މިމަހުގެ 15 ގަ އެވެ.