އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ބާއްވަން ހަމަޖެހިފައި އޮތް ޓޭލާ ސްވިފްޓްގެ އީރާސް ޓުއާ ކޮންސެޓް ޓެރަރިޒަމްގެ އިންޒާރު ބަޔަކު ދިނުމާ ގުޅިގެން ކެންސަލް ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި މި ހަފްތާ ބަންދުގައި ބާއްވަން އޮތް އެ ކޮންސެޓުތައް ކެންސަލް ކޮށްފައި ވަނީ އެ ކޮންސެޓުގެ ތެރެއިން ޓެރަރިސްޓް ހަމަލާއެއް ދޭނެ ކަމަށް ބުނެ ޓޭލާއަށް އިންޒާރު ދިނުމުންނެވެ. އެ އިންޒާރު ދިން ކަމަށް ބެލެވޭ އައިސިސްއަށް ނިސްބަތްވާ ދެ މީހުން މިދިޔަ ބުދަ ދުވަހު ހައްޔަރު ކުރެވިފައިވާއިރު އެކަމުގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.
މިކަމާ ގުޅޭ ގޮތުން އޮސްޓްރިއާގެ ސަރުކާރުން ބުނެފައިވަނީ ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު ލިބިފައިވާތީ އެ ކޮންސެޓް ކުރިއަށް ގެންދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.
އީރާސް ޓުއާގެ ވިއެނާ ކޮންސެޓް ކެންސަލް ކުރެވި ޓޭލާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރެވިފައިވާއިރު އަލުން އެ ކޮންސެޓް އޮންނާނެ ދުވަހެއް އަދި ނޭނގެ އެވެ.
ޓޭލާއަށް މިފަދަ އިންޒާރެއް ލިބިފައި މިވަނީ އޭނާއަށާއި އޭނާގެ ލޯބިވެރިޔާ ޓްރޭވިސް ކެލްސްއަށް ފާރަލަމުން ދިޔަ މީހަކު ހައްޔަރު ކުރެވުނުތާ މަދު ދުވަސްކޮޅެއް ތެރޭގަ އެވެ.