މައިންބަފައިންގެ ފަރާތުން ވާރުތަކުރާ ބައްޔެއް ކަމަށްވާ ތެލަސީމިއާއަށް ދާއިމީ ފަރުވާއެއް ހޯދައި އާއްމުކޮށް އެ ފަރުވާ ބޭނުން ކުރަން ތައްޔާރުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ސައިންސްވެރިން ހޯދާފައިވާ މި ފަރުވާއަކީ ހަށިގަނޑުގައި ދައުރުވާ ލޭގެ ބާރު ދަށްކޮށްދޭ ޖީންއެއް ނައްތާލަދޭ ޖެނެޓިކް ފަރުވާ އެކެވެ.

ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަކީ އެ މީހުންގެ ހަށިގަނޑުގައި ދައުރުވާ ލޭގައި ހަށިގަނޑަށް އޮކްސިޖަން ދައުރު ކޮށްދެވޭ ވަރަށް ބާރު ނުހުންނާތީ ދުވަސް ދުވަސްކޮޅުން ލޭ އަޅަންޖެހޭ މީހުންނެވެ. އެހެން ނަމަވެސް އަލަށް ހޯދިފައިވާ ފަރުވާގެ ޓެސްޓު ކުރެވުނު ތެލަސީމިއާ ބަލިމީހުންގެ ތެރެއިން 90 ޕަސެންޓް މީހުން ވަނީ މި ބަލިން އެއްކޮށް ރަނގަޅުވެފަ އެވެ.

އެއާއެކު ތެލަސީމިއާ ތަހައްމަލު ކުމަމުން އަންނަ އެތައް ބަޔަކަށް މިވަނީ އާ އުއްމީދެއް ލިބިފަ އެވެ. އާދައިގެ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ކުލަވަރު ފެނިފަ އެވެ.

އިނގިރޭސި ވިލާތުގައި އުޅޭ ތެލަސީމިއާ ބަލި މީހުންނަށް އެންމެ ފުރަތަމަ ދޭން ނިންމާފައިވާ މި ފަރުވާ 1.6 މިލިއަން ޔޫރޯ އަށް ކަމަށް ހަބަރުތައް ބުނެ އެވެ.