ޓެލްއަވީވް (1 މާޗް) - މިދިޔަ ހަފްތާގައި އިޒްރޭލުގެ ވެހިކަލް އުފުލާ ބޯޓެއްގައި ހިނގި ބޮންގުވުމުގެ ހާދިސާ އަކީ އީރާންގެ އަމަލެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތުހުމަތުކޮށްފި އެވެ.
އެމްވީ ހީލިއޮސް ރޭ ކިޔާ އިޒްރޭލުގެ ކުންފުންޏެއްގެ ވެހިކަލް އުފުލާ މި ބޯޓު ދަތުރުކުރަމުން ދިޔައީ ސައުދީއަރަބިއްޔާއިން ސިންގަޕޫރަށެވެ. މި ގޮވުމުގައި ބޯޓުގެ ދެފަރާތުން ހަލްގައި ގާތްގަނޑަކަށް 4.9 ފޫޓް ޑައިމީޓަރުގައި ހުންނަ ވަރުގެ ބާގަނޑެއް އުފެދިފައިވާ ކަމަށް ބޯޓުގެ ވެރިފަރާތާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ގޮވުމުގެ ހާދިސާ ހިނގާފައިވާ ކޯއްޗެއް ބޭނުންކޮށްގެން ކަމަށް އަދި ޔަގީން ނުކުރެވެ އެވެ.
ނަމަވެސް އިޒްރޭލުގެ ކެބިނެޓް މިނިސްޓަރު ޔޯވް ގަލަންޓްއާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ ބޯޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ ބޯޓުގެ ހަލްގައި ހަރުކޮށްލެވޭ ޒާތުުގެ މައިނެއް ބޭނުންކޮށްގެން ކަމަށެވެ. އަދި މިއީ ރޭގަނޑު ވަގުތެއްގައި ސިއްރިއްޔާތުގައި ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށެވެ.
ގަލަންޓް އިތުރަށް ބުނީ ބޮންގުވުމުގެ ހާދިސާ ހިނގާފައިވަނީ އިރާންގެ ކަނޑުއޮޅި އާއި ކައިރި ހިސާބެއްގައި ކަމަށެވެ. އަދި އިންޓަނެޓްގައި ލިބެން ހުރި ބޯޓުގެ މައުލޫމާތުން ކޮންމެ ބަޔަކަށްވެސް މި ބޯޓަކީ އިޒްރޭލުގެ ބޯޓެއްކަން އެނގޭނެ ކަމަށް ބުނެފައިވެ އެވެ.
އިޒްރޭލުގެ މި ތުހުމަތުތަކާއި ގުޅިގެން އިރާންގެ ފޮރިން މިނިސްޓްރީން ވަނީ މިކަން ކުށްވެރިކޮށް އިޒްރޭލުގެ ތުހުތުމަތު ތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ބުހުތާން ކަމަށް ބުނެފައިވެ އެވެ.
އިރާންގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން ސައީދު ކަތިބްޒަދެހް ވިދާޅުވީ ޕާޝިއަން ގަލްފް އަދި އޮމާން ކަނޑަކީ އީރާންގެ އަސްކަރީ ސަރަހައްދާއި ކައިރި ތަންތަން ކަމަށާއި މިތަންތަނުގައި އިޒްރޭލުން ދޮގު ވާހަކަ ފަތުރައިގެން ހަމަނުޖެހުން ނަގާލަން ފުރުސަތު ނުދޭނެ ކަމަށެވެ. ގައުމުގެ އެތެރޭގެ ހަމަނުޖެހުންތައް ހައްލުކުރަން ނަތަންޔާހޫ އަބަދުވެސް ކުރަނީ މިފަދަ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު ގަލްފް އޮފް އޮމާންގައި ހިނގި ބޮންގޮވުމުގެ ހަމަލާގެ ފަހަތުގައި ވެސް އޮތީ އީރާން ކަމަށް ތުހުމަތު ކުރި އެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ ތެޔޮ ބޯޓު ހަލާކުވި އެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނިގޮތުގައި މި ހަމަލާ ދީފައިވަނީ ދަގަތްފާނުގެ ބާރުން ބޯޓުގެ ހަލްގައި ތަތްކޮށްލެވޭ ލިމްޕެޓް މައިން ބޭނުންކޮށްގެންނެވެ.