ހައްލުކޮށްފައިވާ ކަންކަން ވެސް އޮޑިޓް ރިޕޯޓްގައި މައްސަލައަކަށް ހަދާފައި އެބަހުރި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ކަނޑައެޅި އަގަށްވުރެ އަގުބޮޑުކޮށް ކާބޯތަކެތި ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވީނަމަވެސް، އޮޑިޓްގެ މާކުރިން އެކަން ސަމާލުކަމަށް އައުމުން ހައްލުކޮށްފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައިވަނީ، އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 23،457 ރުފިޔާ އަގުބޮޑުކޮށް ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

މީގެއިތުރުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން ބައެއް ތަކެތި ގަނެފައި ވަނީ އެތަކެތި އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށްކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ވަޅޯމަސް، މަސްދަޅު ކޭސް، ރިހާކުރު، މިލްކް ޕައުޑަރު، އަސޭމިރުސް، ހިކިމިރުސް، މޭވާ، ލުއި ބުއިން، ތާޒާ ކަނޑު މަސް އަދި ޗިކަން ބޭކަން ގަނެފައިވަނީ އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 224،546 ރުފިޔާ އަގުބޮޑުކޮށެވެ.

އޮޑިޓް ރިޕޯޓުގައި އަންގާފައި ވަނީ އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް އަނބުރާ ޖަމާކުރުމަށެވެ.

އެކަންތައްތަކާ ގުޅިގެން ހިސާން މިއަދު ވިދާޅުވީ އޮޑިޓްގެ މާކުރިން އެ ފައިސާ ވަނީ އަނބުރާ ހޯދާފައި ކަމަށެވެ. އަދި އޮޑިޓް ރިޕޯޓްގައި އެކަން ހިމަނާފައި ވަނީ ބަލަންވާ ވަރަށް ނުބަލައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ތަކެތި އަގުބޮޑުކޮށް ގަނެވިފައިވާތީ އެކަން ފާހަގަކުރެވިގެން އެ ފައިސާ މި އޮޑިޓު ރިޕޯޓު ނެރުމުގެ މާކުރިން އެންޑީއެމްއޭއަށް ވާނީ ހޯދާފައި. އެހެންވީމާ މީކީ މި އޮޑިޓު ރިޕޯޓުގައި އޮންނަން ވެސް ޖެހޭނެ ވާހަކައެއް ނޫން،" ހިސާން ވިދާޅުވިއެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމްކުރި މެޑިކަލް ފެސިލިޓީ އަކީ އަމިއްލަ މީހެއްގެ ބިމުގައި ގާއިމްކުރި ތަނެއްކަމަށްވާތީ އެއީ މައްސަލައެއްގެ ގޮތުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ހިސާން ވިދާޅުވީ އެކަމުގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ.

މި އޮޑިޓް ރިޕޯޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.