ހޮލީވުޑް ދެމަފިރިން ކަމަށްވާ ބްލޭކް ލައިވްލީގެ އަދި ރަޔަން ރެނޯލްޑްސްގެ ދެ ފިލްމް މި ވަގުތު އޮތީ އެއްވަނަ އަދި ދެވަނައިގަ އެވެ.

ބްލޭކްގެ "އިޓް އެންޑްސް ވިތް އަސް" އެއްވަަނައިގައި އޮތް އިރު ރަޔަން ރެނޯލްޑްސްގެ" ޑެޑްޕޫލް އެންޑް ވޮލްވަރިން" އޮތީ ދެވަނައިގަ އެވެ.

މިއީ ހޮލީވުޑްގައި ދެމަފިރިންގެ ދެ ފިލްމެއް ބޮކްސް އޮފީހުގެ ވަނަތަކުގައި އޮތް ދެވަނަ ފަހަރެވެ. މި ރިކޯޑު އެންމެ ފުރަތަމަ ހަދާފައިވަނީ 1990 ގައި ބްރޫސް ވިލިސް އަދި ޑެމީ މޯ އެވެ. 1990 ގައި ބްރޫސް ވިލިސްގެ "ޑައި ހާޑް. 2" އަދި ޑެމީގެ "ގޯސްޓް" ވަނީ ބޮކްސް އޮފީހުގައި އެއްފަހަރާ ކާމިޔާބު ހޯދާފަ އެވެ.

ބްލޭކް ލައިވްލީ އަދި ރަޔަން ރެނޯލްޑް ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. މި ދެމަފިރިންގެ 4 ދަރިން ތިބެ އެވެ. މި ދެމަފިރިން ވެސް ދަނީ ހޮލީވުޑްގައި ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މި ދެމަފިރިންނަކީ މަޒާޖީ ގޮތަކަށް އަބަދުވެސް އުޅޭތީ އެކަމަށް މަޝްހޫރު ދެމަފިރިންނެވެ.

ފިލްމާއެކު ބްލޭކް ލައިވްލީ ވަނީ އޭނާގެ އަމިއްލަ ހެއާ ކެއާ ބްރޭންޑް "ބްލޭކް ބްރައުން ބިއުޓީ" ވެސް ރިލީޒްކޮށްފަ އެވެ.