މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގެ ތަރި މެތިއު ޕެރީގެ މަރުގެ މައްސަލައާއި އެ މައްސަލައާ ގުޅިގެން ފެންމަތިވި ޑްރަގްގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހަކަށް ދައުވާ އުފުލައިފި އެވެ.

ދެ ޑޮކްޓަރަކާއި މެތިއުގެ ޕާސަނަލް އެސިސްޓަންޓް ހިމެނޭހެން ފަސް މީހަކު ހައްޔަރު ކުރެވުނުއިރު އޭގެ ތެރެއިން ދެ މީހުން މިހާރު ވެސް ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.

މެތިއުގެ މަރާ ގުޅިގެން ހިންގުނު ތަހުގީގުތަކުން އަންޑަގްރައުންޑް ބޮޑު ކްރިމިނަލް ނެޓްވޯކެއް ފާހަގަވެފައިވާ ކަމަށާއި އެ ނެޓްވޯކްގެ އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ފުލުހުން ބުނެ އެވެ.

މެތިއު މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ބިލިގާ ތެރެއިންނެވެ.

ފުރަތަމަ ކުރެވުނު ތަހުގީގުތަކުން މަރުގެ ސަބަބެއް ކަމަށް ކެޓަމައިން އޮވޯޑޯޒް ބެލެވުނު ނަމަވެސް ފަހުން އެ މަރުގެ ފަހަތުގައި އެހެން ކަންތައްތަކެއް ވާކަމަށް ފުލުހުންނަށް ޝައްކުވި އެވެ.

ކެޓަމައިންއަކީ ޑިޕްރެޝަންއާއި އެންޒައިޓީއަށް ފަރުވާކުރަން ބޭނުންކުރާ އެނެސްތެޓިކް ޑްރަގް އެކެވެ. މެތިއު މަރުވިއިރު އޭނާ ދިޔައީ ކެޓަމައިން ތެރަޕީ ނަގަމުން ކަމަށްވިޔަސް އެންމެ ފަހުން އެ ފަރުވާގެ ސެޝަންއެއް އޭނާ ނަގާފައި ވަނީ މަރުވުމުގެ ހަފްތާއެއް ކުރިންނެވެ.

ފުލުހުންގެ ދައުވާގައި ބުނެފައި ވަނީ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން މެތިއުގެ އެޑިކްޝަންގެ ފައިދާ ނަގައި އެކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މެތިއު އާއްމުންގެ މަގުބޫލުކަން ހޯދާފައި ވަނީ 1994 ން 2004 އަށް ކުރިއަށްދިޔަ އެންބީއެސް ސިޓްކޮމް "ފްރެންޑްސް"ގައި އޭނާ ދައްކުވައިދިން "ޗޭންޑްލާ"ގެ ރޯލުންނެވެ.