ލަވަކިޔުންތެރިޔާ ސަބްރީނާ ކާޕެންޓާގެ ހަވަނަ އަލްބަމް އޭނާ ރިލީޒްކޮށްފި އެވެ.

މިދިޔަ އަހަރު ޓޭލާ ސްވިފްޓްގެ އީރާސް ޓުއާގައި ގެސްޓް އެޕިއަރަންސެއްގެ ގޮތުގައި ހުށަހަޅުމަށްފަހު ސަބްރީނާ ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ. އަދި އޭނާގެ ސިންގަލްތައް "އެސްޕްރެސޯ" އަދި "ޕްލީސް ޕްލީސް ޕްލީސް" ވަނީ މި އަހަރު ބޮޑު ވައިރަލް ހިޓްތަކަށް ވެފަ އެވެ.

"ޝޯޓް އެން ސްވީޓް"ގެ ނަމުން ނަންދީފައިވާ މި އަލްބަމްގައި 12 ލަވަ ހިމެނެ އެވެ.

މި އަލްބަމްގެ ލަވަތަކުގައި އޭނާގެ ވަރަށް ތެދުވެރި ސޯންގް ރައިޓިން ހުންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މި އަލްބަމަކީ ހަޔާތުގައި ދިމާވި ކަންކަމާ ވަރަށް ބޮޑަށް ގުޅުވާލައިގެން އުފައްދާފައިވާ ލަވަތަކެއް ކަމަށެވެ. އަދި އެހެންކަމުން މި ލަވަތަކުން އޭނާގެ ފޭނުންނަށް ހަޔާތުގައި ދިމާވާ އެކިއެކި ހިތާމަވެރި އަދި އުނދަގޫ ކަންކަމާ ކުރިމަތިލާން އެހީތެރިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ،

ސަބްރީނާގެ ލައިވް ހުށަހެޅުންތަކަކީ އޭނާގެ ފޭނުންގެ މެދުގައި މަޝްހޫރު އެއްޗެކެވެ. އޭނާއަކީ ކުރީގެ ޑިޒްނީ ސްޓާރެކެވެ. އޭނާ ލަވަ ކިޔަން ފަށާފައި ވަނީ 2013 ގަ އެވެ.