ހޮލީވުޑްގެ ކުޅަދާނަ ލަވަކިޔުންތެރިޔާ މަރަޔާ ކެރީގެ މަންމަ އާއި ދައްތަ އެއް ދުވަހެއްގައި މަރުވެއްޖެކަމަށް ބުނެފި އެވެ.

އުމުރުން 55 އަހަރު މަރަޔާ މިކަން ހާމަކޮށްފައިވަނީ ޕީޕަލް މެގަޒިންއަށް ދިން ސްޓޭޓްމެންޓެއްގަ އެވެ.

އޭނާގެ މަންމަ ޕެޓްރީސިއާ އަދި ދައްތަ މަރީ ކިހިނެތް ކަން އޭނާ ހާމައެއް ނުކުރެ އެވެ. މަރަޔާގެ މަންމަ ޕެޓްރީސިއާ މަރުވިއިރު އުމުރުން 87 އަހަރު ވެއްޖެ އެވެ. އޭނާއަކީ މަޝްހޫރު އޮޕޭރާ ލަވަކިޔުންތެރިއެއް އަދި ވޯކަލް ކޯޗެކެވެ.

ދެހާސް ވިހީގައި މަރަޔާ ނެރުނު އަމިއްލަ ބަޔޯގްރަފީގައި އޭނާ އާއި އެނާގެ މަންމައާ އޮތް ގުޅުމުގެ ވާހަކަ ވަނީ ދައްކާފަ އެވެ. އޭގައި މަންމައާ އޮތް ގުޅުމަކީ "ކޮންމްޕްލިކޭޓަޑް" ގުޅުމެއް ކަމަށް އޭނާ ވަނީ ސިފަކޮށްފަ އެވެ.

މަންމަގެ މަރު އިއުލާންކުރަމުން މަރަޔާ ވަނީ މަންމަގެ ފަހު ދުވަސްތަކުގައި މަންމަ އާއެކު ވަގުތު ހޭދަކުރެވުނު ކަމަށް ބުނެފަ އެވެ. އަދި އެކަމަށް ޝުކުރުވެރިވާކަމަށް ބުނެފަ އެވެ.

ދައްތަ އެލިސަންއާ މަރަޔާއާ އޮންނަ ގުޅުމަކީ ވެސް ރަނގަޅު ގުޅުމެއް ނޫނެވެ. މަރަޔާ ނެރުނު ބަޔޯގްރަފީގައި އެލިސަންއާ ބެހޭގޮތުން ލިޔެފައިވާ ވާހަކަތަކާ ގުޅިގެން އެލިސަން ވަނީ މަރަޔާއަށް ދައުވާ ވެސް ކޮށްފަ އެވެ. އެލިސަން މަރުވިއިރު އުމުރުން ވަނީ 63 އަހަރެވެ.