ވޮޝިންޓަން (4 މާޗް) - އެމެރިކާގެ ކެޕިޓަލް ހިލްގައި ގައި ނޭޝަނަލް ގާޑުގެ ސިފައިން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުރު 60 ދުވަސް ތިބުމަށް ކެޕިޓަލް ފުލުހުން ރަސްމީކޮށް އެދެފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން މިއަހަރު ޖެނުއަރީ މަހު ހަ ވަނަ ދުވަހު ކޮންގްރެސް އިމާރާތަށް ގަދަކަމުން ވަދެ އެތަނުގެ ތަކެއްޗަށް ގެއްލުންދީ، ލޫޓުވައި، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޕެންޓަގަން އިން ވަނީ ކެޕިޓަލް ހިލްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާގެ ނޭޝަނަލް ގާޑްގެ 15،000 ސިފައިން ހަތިޔާރާއެކު ފޮނުވާފަ އެވެ.

ކެޕިޓަލް ފުލުހުން މިގޮތަށް އެދުނީ ކޮންގްރެސް އިމާރާތް ހުންނަ ސަރަހައްދުގެ ސަލާމަތާއި އަމަންއަމާންކަން ނަގާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން ކެޕިޓަލް ފުލުހުން ފުލް އެލާޓްގައި ހަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގަ އެވެ. ބުރާސްފަތި ދުވަހު ފުލުހުން ވަނީ ކޮންގްރެސް އިމާރާތް ހުންނަ ސަރަހއްދުގައި ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ހާމަކުރާ ގޮތުގައި އިއްޔެ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރީ އެމެރިކާގައި ހަރަކާތްތެރިވާ ދޮން މީހުންގެ ހައްދުފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށްވާ "ކިޔުނޮން" ގްރޫޕަށް ނިސްބަތްވާ ބަޔަކު އިއްޔެ ޓްރަމްޕް އަލުން އެމެރިކާގެ ރައީސްކަމާ ހަވާލުވާނެ ކަމަށް ބުނެ ހިންގަން އުޅުނު ހަރަކާތަކާ ގުޅިގެންނެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލުންނާ ބުނިގޮތުގައި ޕެންޓަގަން އިން ދަނީ ކެޕިޓަލް ފުލުހުން އެދުނު ރިކްއެސްޓް ރިވިއު ކުރަމުންނެވެ. އަދި އޭގެ އިތުރުން ފުލުހުން އެދުނު ގޮތަށް ސިފައިން ތިބެން ހުއްދަދީފި ނަމަ، ވަގުތުން ސިފައިން ފޮނުވަން ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް ބުންޏެވެ.

މިހާރު ވޮޝިންޓަން ޑީސީގައި ތިބި 5،000 އަށް ވުރެ ނޭޝަނަލް ގާޑްގެ ސިފައިން އެ މީހުންގެ މިޝަން ނިމުމަށް ފަހު މާޗް 12 ވަނަ ދުވަހު ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ކެޕިޓަލް ފުލުހުން ވަނީ ކެޕިޓަލް ވަށައިގެން ވާ ސަރަހައްދުތަކުގެ ސަލާމަތާ ރައްކާތެރިކަން ޔަގީންކުރުމަށް މިހާރު ދަމާފައިވާ ކަށިނަރުތަކާއި ފެންސްތައް އަދި އިތުރު މަސްތަކެއް ވަންދެން ބެހެއްޓުމަށް އެދިފަ އެވެ.