ތެހެރާން (4 މާޗް) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައި އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެ ގައުމަށް 200 ބިލިއަން ޑޮލަރުގެ ގެއްލުން ވެދާނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ދެއްވި ހިތާބެއްގައި އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ 2018 ވަނަ އަހަރު އިރާނާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް ބޮޑެތި ގެއްލުން ވެއްޖެ ކަމަށާއި އެމެރިކާގެ މިހާރުގެ ސަރުކާރުން ގެއްލުންތައް ފޫބައްދަން އެދޭނަމަ އެކަމަށް އިރާނުން މަރުހަބާ ކިޔާނެ ކަމަށެވެ.

"އަހަރެމެންގެ ރައްޓެހިން ބުނަނީ އެމެރިކާއިން ފުރަތަމަ އީރާނަށް ދިން ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް. އެހެންނަމަވެސް އަހަރެމެން އަންގާފައި ވަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ ކަންކަން ފަހުން ކުރާނެ ކަމަށާއި އިރާނުން މިހާރު އެދެނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަށް އުވާލުމަށް،" އީރާންގެ ރައީސް ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރުމުގެ މަޝްވަރާތަކުގައި އެމެރިކާ އަދި އީރާންގެ އޮފިޝަލުން ވަނީ ތައްޔާރުވެފަ އެވެ. އެމެރިކާގެ މިހާރު ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ވަނީ އީރާންގެ ނިއުކްލިއާ ޑީލް އަލުން ފެށުމަށް ބޭނުންވާ ކަމަށް ހާމަކޮށްފަ އެވެ. އަދި އެމެރިކާއިން ވަނީ ޓްރަމްޕްގެ ސަރުކާރުގައި އީރާނާ ދެކޮޅަށް އެޅި ބައެއް ފިޔަވަޅުތަކަށް ލުއި ދީފަ އެވެ. މީގެ ތެރޭގައި އީރާންގެ ޑިޕްލޮމޭޓުންނަށް އެމެރިކާގެ އެތެރޭގެ އުދުހުންތަކަށް ހުއްދަދިނުން ހިމެނެ އެވެ.

އީރާނުން ދަނީ ޓްރަމްޕް ސަރުކާރުގައި އެ ގައުމާ ދެކޮޅަށް އެޅި ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ޑިމާންޑް ކުރަމުންނެވެ. މާހިރުން ހާމަކުރާ ގޮތުގައި އިރާނުން މިގޮތަށް ޑިމާންޑް ކުރަނީ ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ އިޖްތިހާދުތައް ގިނަވުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން އެ ގައުމުގެ ތަކެތީގެ އަގާއި އިންފްލޭޝަން ރޭޓް މަތިވުމުން ރައްޔަތުންގެ ނުރުހުން އަމާޒުވެގެންދާތީ އެވެ.

އީރާނުން ދަނީ މިއަހަރު ޖޫން މަހު އެ ގައުމުގެ ރައީސަކު ހޮވާ އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ރޫހާނީ ސަރުކާރުން އީރާންގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތްކުރަނީ މި ސަބަބާހުރެ ކަމަށް މާހިރުން ހާމަކުރެ އެވެ.