ޖަލުގައި ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް، އެމީހެއްގެ ހުކުމުން ދުވަހެއް އުނިކުރާ ގޮތަށް ނިންމާފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ސަގާފީ މަސައްކަތްތަކާއި ހުނަރުތައް ދައްކާލުމަށް، މާފުށީ ޖަލުގައި އަޅާފައިވާ "ސަގާފީ އަވަށް" ހުޅުވުމުށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖަލުގެ ތަންތަނުގައި މަސައްކަތް ކުރާ ގައިދީން، އެ މީހުން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް، ޖަލު ހުކުމުން ދުވަހެއް އުނި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު މިކަން އިއުލާން ކުރެއްވީ ގައިދީންގެ ރިހިބިލިޓޭޝަނާއި ހަރުދަނާ ބަޔަކަށް އެމީހުން ހެދުމަށް ސަރުކާރުން ކުރަން ވިސްނާ ބައެއް ކަންކަން އިއުލާންކުރައްވަމުންނެވެ.

އެގޮތުން ޖަލުގައި އިލެކްޓްރޯނިކް މަސައްކަތް، ރޭނުން އަދި ސަގާފީ މަސައްކަތެއް ވިޔަސް ކުރާ ކޮންމެ ދުވަހަކަށް ލުޔެއް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ އިރުޝާދަކީ، ޖަލުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް، ފަންނުވެރި މަސައްކަތެއް ދަސްކޮށްގެން، އާމްދަނީ ލިބޭނެ ގޮތެއް ހޯދައިގެން ގައިދީން ވީ އެންމެ އަވަހަކަށް ޖަލުން ނުކުމެވޭނެ ގޮތެއް ބެލުމެވެ.

ޖަލަށް މީހަކު ގެންދިއުމުން ކުރަންޖެހޭނެ މަސައްކަތަކީ އޭނާ އަލުން އިސްލާހުކޮށް ބޭނުންތެރި ދިވެއްސެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުންކަމަށް އިހްސާން ވިދާޅުވި އެވެ.

ސަގާފީ އަވަށުގައި ގައިދީން ތައްޔާރުކުރާ ތަކެތި މާފުއްޓާއި އެއާޕޯޓުގައި ޓޫރިސްޓުންނަށް ވިއްކައި އެއިން ބައެއް އާމްދަނީގެ ގޮތުގައި ގައިދީންނަށް ދޭން ވަނީ ނިންމާފަ އެވެ.