މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުކޮށްގެން ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނެފައި ވަނީ މާފަންނު ގެއެއްގައި އަންހެނަކު ބަންދުކޮށްފައި ހުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދިޔަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަގޮތުގައި ގެއެއްގެ ތެރޭގައި ފިރިހެނެއް، އަންހެނަކު ހިފަހައްޓައި އޭނާގެ ކަރާ ދިމާލުން އަތް އަޅައި ވަޅިއެއް ކަހަލަ އެއްޗެއް ހިފައިގެން އެ އަންހެންމީހާ ރަހީނުކޮށްފައިވާ މަންޒަރު ފެނެ އެވެ.
އިތުރު ވީޑިއޯއަކުން ފެންނަނީ އެ ފިރިހެން މީހާ، އަންހެން މީހާ ގަދަކަމުން ސައިކަލަކަށް އަރުވައިގެން ގެންދާ މަންޒަރެވެ. އެ ސައިކަލު ހުއްޓުވަން ގިނަ އަދަދެއްގެ ފުލުހުން އެ މަގުގައި ހަރަކާތްތެރިވާ މަންޒަރު ފެންނައިރު، ދެ ފުލުހަކު ސައިކަލަކަށް އެރުމުން އެ ސައިކަލުން ފައިބަން އެ މީހާ ފުލުހުންނަށް އަންގަ އެވެ. އެއަށްފަހު އެ ފިރިހެން މީހާ، އަންހެން މީހާ ސައިކަލު ދުއްވަން އަރުވައި، ސައިކަލުގައި ދާ މަންޒަރު ފެނެ އެވެ.
ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރީ ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖަހައި ބިންމައްޗަށް ވައްޓާލުމަށްފަހު އެވެ. އެ މީހާގެ ބޮލުގައި ޖެހުމާއެކު ބިންމައްޗަށް ވެއްޓުމުން ފުލުހުން އަންހެން މީހާ ސަލާމަތްކޮށްގެން އެތަނުން ގެންދެ އެވެ. އަދި އިރުކޮޅަކުން އެ ފިރިހެން މީހާ ވެސް ޕިކަޕަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.
ފުލުހުން ބުނީ ފިރިހެނަކު ގެއެއްގެ ތެރޭގައި އަންހެނަކު ބަންދުކޮށްގެން އަނިޔާކުރާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓެއް ލިބުނު ކަމަށެވެ. އަދި އަންހެން މީހާ ސަލާމަތްކުރަން ފުލުހުން މަސައްކަތް ކުރުމުން އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ފުލުހުންނަށް ބިރު ދެއްކި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ރަހީނުކޮށްފައި ހުރި އަންހެން މީހާއަށް ގޭތެރޭގަ އާއި މަގުމަތީގައި ވެސް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެ އަންހެން މީހާ ސަލާމަތްކުރަން އުޅުމުން އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވިދާޅުވީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލެއްގައި އަރުވައިގެން ފިލަން އުޅުމުން ބާރުގެ ބޭނުންކޮށްގެން އަންހެން މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އަންހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށާއި، ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިމައްސަލާގައި ހިމެނޭ ފިރިހެން މީހާއަށް އަނިޔާވެފައި ވާތީ އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަންހެން މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ސަލާމަތް ކުރަން ކުރި މަސައްކަތުގެ ތެރޭގައި އަންހެން މީހާގެ ކަރުގައި ވަޅި އެޅިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށްޓަކައި ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.