ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރުމުގެ ސަބަބުން ހާލުދެރަވެ، ފަރުވާދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި އިންސާފުވެރި އަދި މިނިވަން ތަހުގީގެއް ކުރަން ކަމާ ގުޅުން ހުރި އިދާރާތަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.
އެ ކަމަށް ގޮވާލާ ރޭގެ ވަގުތެއްގައި ޓްރާންސްޕޭރެންސީން ވަނީ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް އަދި މެންޓަލް ހެލްތު ސަޕޯޓް ގްރޫޕާ އެކު ޖޮއިންޓް ބަޔާނެއް ނެރެފަ އެވެ.
އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅިޖައްސާ ބިރުދެއްކުމުގެ ސަބަބުން، އެ އަންހެންމީހާ ސަލާމަތްކުރުމަށް ފުލުހުންވަނީ އަތުހަރުގެ ބޮލުގައި މުގުރުން ޖަހާ އޭނާ ހުއްޓުވާފަ އެވެ. އެރޭ ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށްފަހު ދޫނިދޫ ޖަލަށް ގެންގޮސްފައިހުއްޓާ އޭނާ ދަންޖެހި މަރުވާން މަސައްކަތް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ އެވެ. އޭގެފަހުން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް އަތުހަރު މަރުވީ އިއްޔެ ހަވީރު އެވެ.
މި މައްސަލައިގައި ޓްރާންސްޕޭރެންސީން ވަނީ ފުލުހުންގެ ބަންދުގައި ހުއްޓާ އަތުހަރުގެ ހާލު ދެރަވެ، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވުމާ ގުޅިގެން އެ މައްސަލައިގައި ސީންއަށް އެޓެންޑުކުރި ގޮތުގެ އިތުރުން އެ ހިސާބަށް މި މައްސަލަ ދާން މަގުފަހިވި ސަބަބުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަތުހަރުގެ ހައްޔަރާއި އަދި މަރުވުމަށް ދިމާވި ހާލަތުތައް މިނިވަންކަމާއި، އިންސާފުވެރިކަމާއި، ފުރިހަމަ އަދި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށާއި، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ކަމާ ގުޅުންހުރި އެންމެހާ ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަން، ވަކިން ހާއްސަކޮށް އަތުހަރު ހައްޔަރުކުރިއިރު ފުލުހުން ބާރުގެ ބޭނުން ކުރި ގޮތާއި އޭނާގެ ސިއްހީ ހާލަތަށް ބަލާ ރިމާންޑްގައި ބަންދުކުރުމަށް ނިންމި ސަބަބުތައް ބެލުމަކީ ކޮންމެހެން މުހިންމު ކަންކަން ކަމުގައި ގަބޫލުކުރާކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ތަހުގީގުތައް ކުރުމުގައި އާއިލާއަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި އާއިލާއަށް އިހުތިރާމުކުރެވޭ ފަދަ ގޮތަކަށް ތަހުގީގުތަށް ގެންދިޔުމަށް ޓްރާންސްޕޭރެންސީން ވަނީ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.
އަތުހަރު މަރުވުމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އަތުހަރުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރެވޭނީ ޕޯސްޓްމޯޓަމް ހަދާފައިކަމަށެވެ. ރޭގެ ވަގުތެއްގައި ފުލުހުންވަނީ ނޫސްވެރިންނަށް އަތުހަރު ޖަލުގައި ދަންޖެހުނު ވީޑިއޯ ފުޓޭޖް ދައްކާފަ އެވެ. ފުލުހުންނަށް އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ 30 މިނެޓް ފަހުންނެވެ.
ޙީ އިޒް ވައިލެންޓް އެންޑު ޑޭންޖަރަސް ކުރިމިނަލް