ދިވެހި ފިރިހެނަކު ހައްދާލައިގެން ކޮޓަރިއަކަށް ގެންގޮސް ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، ކުންނާރުގެ، އާއިޝަތު މަލްޖާ މޫސާ ދީދީ 27، ކަމަށެވެ.

މި ހާދިސާ ހިނގައިފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ރޭކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން އެ ރޭ 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނެއް ހުއްޓުވައި އޭނާއަށް ކޮޓަރިއަށް ދިއުމަށް ދައުވަތު ދިންކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ދައުވަތަށް އެ ފިރިހެން މީހާ މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓު ހައުސަކަށް ދިއަކަމަށް ފުލުހުން ބުންޏެވެ. އެތަނަށް ދިއުމުން އިތުރު ފިރިހެނެއް ވެގެން އެ މީހާ ރަހީނުކޮށް އޭނާގެ ފޯނާއި، ކޭޝްކާޑު އަތުލާފައިވެ އެވެ. އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ އަންހެން މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހިޔާ ފްލެޓަކަށް މީހުން ގެންގޮސް ފޭރުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފަ އެވެ.