އީރާންގެ ފްލައިޓެއް ހައިޖެކް ކުރަން އުޅެނިކޮށް އެކަން ހުއްޓުވައިފި އެވެ.

ފަސިންޖަރުންނާ އެކު ދަތުރުކުރަމުން ދިޔަ ޑޮމެސްޓިކް ފްލައިޓެއް ހައިޖެކް ކުރަން މީހަކު މަސައްކަތް ކުރިކަމުގެ ހަބަރު އީރާންގެ ރިވޮލިއުޝަނަރީ ގާޑުން ހާމަކުރީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ.

ހައިޖެކް ކުރުމަށް މަސައްކަތް ކޮށްފައިވަނީ އީރާންގެ އެއާލައިނެއް ކަމުގައިވާ އީރާން އެއާގެ ކޮމާޝަލް ޖެޓެކެވެ. މި ފްލައިޓް ދަތުރު ކުރަމުން ދިޔައީ އެ ގައުމުގެ އަހްވަޒް ނަމަކައް ކިޔާ ސިޓީން މަޝްހަދް ސިޓީއަށެވެ.

ފްލައިޓު ހައިޖެކް ކުރުމަށް މަސައްކަތް ކުރީ ކާކުކަން ހާމަނުކުރި ނަމަވެސް އޭނާގެ މަގުސަދަކީ ފްލައިޓު ގަލްފްގެ ދެކުނު ސަރަހައްދަށް ޑައިވާޓް ކުރުން ކަމުގައި ގާޑުން ހާމަކޮށްފައިވެ އެވެ. އަދި މިހާދިސާއާއި ގުޅިގެން އިމަޖެންސީ ލޭންޑިންއެއް އީރާންގެ އިސްފަހަން ސިޓީއަށް ކޮށްފައިވާކަން ވެސް ހާމަކޮއްފައިވެ އެވެ.

މިހާދިސާގައި އެއްވެސް މީހަކައް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ހައިޖެކަރު ހުއްޓުވި ގޮތުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ހަބަރު ލިބޭ ގޮތުގައި މިފަދަ ހާދިސާތައް ހުޓުވުމަށްޓަކައި އީރާންގެ ޑޮމެސްޓިކް ފްލައިޓުތަކުގައި ގާޑުގެ އެއާ މާޝަލުން ދަތުރުކުރެ އެވެ. މީގެ ކުރިން މިފަދަ ހާދިސާއެއް ހިނގައިފައި ވަނީ 2000 އަހަރު އެވެ.