ފުލުހުންގެ ޓޯޔާޑު ތެރޭގައި ސއިކަލްތަކެއް އުކާލާ މަންޒަރު ފެންނަ ވީޑިއޯ އިން ފެންނަނީ ނައްތާލަން ގެންގޮސްފައި ހުރި ސައިކަލުތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

މޭރީބްރައުން ކައިރީގައި އޮންނަ ޓޯޔާޑު ތެރޭގައި ފުލުހުން ލޮރީއެއްގެ މަތިން ސައިކަލުތަކެއް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ފުލުހުންނަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ވީޑިއޯއިން ފެންނަނީ ގަވާއިދުގެ ތެރެއިން ނައްތާލަން ނިންމާފައިވާ އުޅަނދުތަކެއް އިއްޔެ ގެންދާ މަންޒަރު ކަމަށެވެ.

"ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މޭރީބްރައުން ކައިރީގައި އޮންނަ ޓޯޔާޑު ތެރެ ފެންނަ ވީޑިއޯއަކީ 6 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ގަވާއިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ނައްތާލި ޖުމްލަ އުޅަނދުތަކުގެ ތަފްސީލް

  • ދެ ފުރޮޅުލީ 247 އުޅަނދު
  • ހަތަރު ފުރޮޅުލީ 29 އުޅަނދު
  • 223 ބައިސްކަލު
  • އެއް އެމްބިއުލާންސް

ވީޑިއޯ އިން ފެންނަނީ އާ ސައިކަލްތަކެކެވެ. އެހާ އާ ސައިކަލްތަކެއް ނައްތާލަން ނިންމީ ގަވާއިދުގެ ތެރެއިން ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ނުބުނެ އެވެ.