ފަސް މީހުންގެ ކްރޫއަކާއެކު ޖައްވީ އުޅަނދުތައް އުފައްދާ ސްޕޭސްއެކްސް ކުންފުނިން މިހާތަނަށް ކުރާ އެންމެ ނުރައްކާތެރި ޖައްވީ ދަތުރު މިދިޔަ އަންގާރަ ދުވަހު ފަށައިފި އެވެ.

އަމިއްލަ ދަތުރެއްގެ ގޮތުގައި ވިޔަފާރިވެރި ބިލިއަނަރަކާއި ރިޓަޔާ ކޮށްފައިވާ އެމެރިކާގެ މިލިޓަރީ ޕައިލެޓެއްގެ އިތުރުން ސްޕޭސް އެކްސްގެ ދެ މުވައްޒަފުންނާއެކު އެ ދަތުރު ފަށާފައިވަނީ ފްލޮރިޑާގައި ހުންނަ ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.

އާއްމު ގޮތެއްގައި ޖައްވަށް ގޮސް ޖައްވުގައި "ހިނގުމަކީ" އެތައް އަހަރެއްގެ ތަމްރީނުތަކާއެކު ޖައްވީ ސައިންސްވެރިން ކުރަމުން އަންނަ ކަމެކެވެ. މި ދަތުރަކީ އެފަދަ ހާއްސަ ތަމްރީނުތަކެއް ނެތް ބައިވެރިންނާއެކު ކުރާ ދަތުރެއް ކަމުން އެ ދަތުރުގެ ނުރައްކާ އިތުރަށް ބޮޑުވެ އެވެ.

"ޕޮލަރިސް ޑޯން މިޝަން"ގެ ނަމުން ނަން ދީފައިވާ މި ދަތުރަކީ މިދިޔަ މަހު ކުރަން ތާވަލު ކުރެވިފައި އޮތް ދަތުރެއް ނަމަވެސް ދަތުރު ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އުޅަނދުގައި މައްސަލައެއް އުޅޭކަން ފާހަގަވުމުން ފަހުވަގުތު ދަތުރު ފަސްކުރީ އެވެ.

މި ދަތުރާ ބެހޭ ގޮތުން ސްޕޭސް އެކްސްގެ ވެރިޔާ އިލަން މަސްކް ބުނެފައިވަނީ މިއީ އެޕޯލޯ ޖައްވީ އުޅަނދުގައި އެންމެ ފުރަތަމަ ކުރި ކޮމާޝަލް ސްޕޭސްވޯކް ދަތުރަށްފަހު ދުނިޔެއާ އެންމެ ދުރަށް ބައިވެރިން ދަތުރުކުރާ ދަތުރު ކަމަށެވެ.

ފަސް ދުވަހުން ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ މި ދަތުރުގައި ދުނިޔެއާ 1400 މޭލު ދުރަށް ދަތުރު ކުރާނެ އެވެ. މީގެ ކުރިން ދުނިޔެއާ އެންމެ ދުރަށް ދަތުރު ކޮށްފައިވަނީ 1972 ވަނަ އަހަރު އެމެރިކާގެ އެޕޯލޯ މޫން ޕްރޮގްރާމްގައި ބައިވެރިވި ސައިންސްވެރިންނެވެ.

2000 ވަނަ އަހަރު ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އުފެދުނު ފަހުން މިހާތަނަށް ގާތްގަނޑަކަށް 270 ދަތުރު ޖައްވަށް ކޮށްފައިވެ އެވެ.