ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން މިފަހަރު ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އަށް ބަދަލުކޮށްފި އެވެ.
މޫޑީސްގެ ރޭޓިންގައި ކުރިން ރާއްޖެ އޮތީ އެއް ދަރަޖަ މަތި ރޭޓިންއެއް ކަމަށްވާ "ސީއޭއޭ1" ގަ އެވެ. ރާއްޖޭގެ ރޭޓިން އެއް ދަރަޖަ މިފަހަރު ދަށް ކުރިއިރު ރާއްޖޭގެ އައުޓްލުކް ވަނީ "ރިވިއު" ގަ އެވެ. ރާއްޖޭގެ ރޭޓިން ރިވިއުގައި ބައިންދަން ނިންމީ، ރާއްޖެއިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެތީ ކަމަށް މޫޑީސް އިން ބުންޏެވެ.
މޫޑީސް އިން ބުނީ، ރާއްޖޭއާ ގާތް ގައުމުތަކުން ފައިނޭންސް ހޯދައިގެން، މިހާލަތުން ހަރައި ގަންނަން ރާއްޖެއަށް ވަގުތު ލިބޭނެ ކަމަށާއި އޭރުން ގައުމު ޑިފޯލްޓަކަށް ނުގޮސް ސަލާމަތް ކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ރިފޯމު ފިޔަވަޅުތައް އެޅުމަށް ވެސް ވަގުތު ލިބޭނެ ކަމަށް މޫޑީސްގެ ރިޕޯޓުގައިވެ އެވެ.
މޫޑީސް އިން މިދިޔަ ޖުލައި މަހު ވަނީ 2021 ގައި ދިން ރޭޓިން "ސީއޭއޭ1" ގައި ދަމަހައްޓައިފަ އެވެ. މޫޑީސް އިން ވަނީ ރާއްޖޭގެ ސުކޫކު ވެސް "ސީއޭއޭ2" އަށް ދަށްކޮފަ އެވެ. ސުކޫކުގެ ރޭޓިންގެ އައުޓްލުކް ވެސް ވަނީ "އަންޑަ ރިވިއު" ގައި ހިމަނައިފަ އެވެ. ރޭޓިން ދަށްކުރީ، ކުރިން ފާހަގަކޮށްފައިވާ އިސްލާހީ ފިޔަވަޅުތަކަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައި ނުވާތީ ކަމަށް މޫޑީސްގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކުރީ ރާއްޖެއިން ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށް އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭ ގޮތުން، ބޭރުގެ ދަރަނި އިތުރުވެފައި ވުމުންނެވެ. އަދި ކަރަންޓް އެކައުންޓް ޑެފިސިޓާއި ބަޖެޓު ޑެފިސިޓުގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް މޫޑީސް އިން ބުންޏެވެ. މީގެ އިތުރުން ވޭތުވެދިޔަ މަސް ތަކުގައި ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ދަށްވަމުން ދާކަން މޫޑީސް އިން ފާހަގަ ކުރި އެވެ.
މޫޑީސް އިން ބުނީ، ކުރިއަށް އޮތް 12-18 މަސް ދުވަހު ރާއްޖެއިން ދައްކަން ޖެހޭ ބޭރުގެ ދަރަންޏާ އަޅާ ބަލާ އިރު ރާއްޖޭގެ ރިޒާވު ވަރަށް ބޮޑަށް ދަށްވަމުން ދާ ކަމަށެވެ.
ރާއްޖޭގެ ރަސްމީ ރިޒާވުގައި މިވަގުތު ހުރީ 444 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓެވެ. ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު 129 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.
މޫޑިސްގައި ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާއިރު، ފިޗްގެ ރޭޓިންގައި މިދިޔަ މަހު ރާއްޖޭގެ ރޭޓިން ސީސީސީ އިން ސީސީއަށް ވަނީ ދަށްކޮށްފަ އެވެ.