މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 719 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ގްރީން ޓެކުހަކީ ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް އާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ޓޫރިސްޓުން ވެސް ދައްކަންޖެހެ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 719 މިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޑޮލަރުން ބަލައިގަތް ގްރީން ޓެކުހުގެ އަދަދު ހުރީ 46 މިލިޔަން ޑޮލަރުގަ އެވެ. މިއީ 2023 ވަނަ އަހަރާ އާޅަބަލާއިރު 3.7 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ބަލައިގަނެފައިވަނީ 686 މިލިޔަން ރުފިޔާ އެވެ. ނުވަތަ ޑޮލަރުން 44 މިލިއަން ޑޮލަރެވެ.

މިއަހަރުގެ އޮގަސްޓް މަހު އެކަނި، ގްރީން ޓެކުހުގެ ގޮތުގައި 87 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު އޮގަސްޓް މަހު ލިބިފައި ވަނީ 69 މިލިޔަން ރުފިޔާ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް ހަ ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 ޑޮލަރު، ގްރީން ޓެކުހުގެ ގޮތުގައި ނަގަ އެވެ.