އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެންދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރަން ކަނޑައެޅި ޕާކިން ޖާގައަށް ނުގެންދާ އުޅަނދުތަކުގައި ސްޓިކާ ޖަހައި ޕާކިން ޒޯނަށް ގެންދަން މުއްދަތެއް ދޭން ފަށައިފި އެވެ.
ފުލުހުން އިއްޔެ ބުނީ އޭ ޒޯނު ފިޔަވައި އެހެން ޒޯނުތަކުގައި ރަޖިސްޓްރީކޮށް މާލޭ ސަރަހައްދުގައި ދުއްވަމުންދާ އުޅަނދުތައް ގާނޫނާއި ގަވައިދަށް ފެއްތުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. އެގޮތުން އެފަދަ އުޅަނދުތަކުގައި ސްޓިކާ ޖަހައި، އެ އުޅަނދުތަކަށް މިހާރު ކަނޑައަޅާފައިވާ ޕާކިން ޒޯނަށް ގެންދިއުމަށް އަންގަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިއާއެކު ސްޓިކާ ޖަހާ އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ ސްޓިކާގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން އުޅަނދު ނެގުމަށް ފުލުހުންވަނީ އަންގާފަ އެވެ.
މިފަދަ އަޅަނދުތައް ޕާކްކުރަން ދީފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ފްލެޓްތަކުގެ ކުރިމަތީ އޮންނަ ހުސް ބިމެކެވެ.
އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް އެތަނަށް ގެންދަން ޖެހެނީ އަމިއްލައަށެވެ. އެ ބިމުގައި ބާއްވައިގެން ރަޖިސްޓްރީ ބަދަލުކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން އުޅަނދުތަކަށް ހާއްސަ ދަރަހައްދަން ގެންދަން ދީފައިވަނީ 40 ދުވަހެވެ.