ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި އައިރިސް ސްކޭން ބޭނުން ކުރަން ފަށައިފި އެވެ.
ދުބާއީގެ އެއާޕޯޓުން "އައިރިސް ސްކޭން" ކުރަން ފެށީ ދަތުރުވެރިންނާއި އެ ގައުމުގެ ސަލާމަތަށެވެ.
"ހިއުމަން އިންޓަރެކްޓް"އަކާ ނުލައި މީހުންގެ އައިޓެންޓިޓީ ފާހަގަކުރުމުގެ ގާބިލުކަން ލިބިފައިވާ މި ޓެކްނޮލޮޖީ އެކުވެރި އަރަބި އިމާރާތުން ލޯންޗްކޮށްފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. މިޓެކްނޮލޮޖީގެ ސަބަބުން ކޮވިޑް ފެތުރުން މަދުވާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ދެކެ އެވެ.
މިޕްރޮގްރާމް ބޭނުން ކުރަން ފަށައިފާ ވަނީ މިދިޔަ މަހު އެވެ. ދަތުރުވެރިން ޗެކިން ވުމަށްފަހު އައިރިސް ސްކޭނަރު ކައިރީގައި ހުއްޓިހުރެ އެއާ ދިމާލަށް ރަނގަޅަށް ބަލާލުމުން ސްކޭން ވެގެންދާނެ އެވެ. އެއަށްފަހު ޕާސްޕޯޓް ކޮންޓްރޯލިން ބޭރަށް ދެވޭނެ އެވެ.
ފަހަކަށް އައިސް ދުނިޔޭގެ ގިނަ އެއާޕޯޓުތަކެއްގައި ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީބޭނުން ކުރާ މިންވަރު އިތުރުވެގެން ދެ އެވެ. ނަމަވެސް ދުބާއީގެ މި ޓެކްނޮލޮޖީ ކުރިއަރާ ސަބަބަކީ އައިރިސް ސްކޭނަށް ފަހު ޕަސެންޖަރުންގެ ޑޭޓާ އެގައުމުގެ ފޭޝަލް ރިކޮގްނިޝަން ޑޭޓާބޭސްއިން ފެންނަން ހުރުމާއެކު އިތުރު އައިޑެންޓިޓީއެއް ނުވަތަ ބޯޑިން ފާހެއް ވެސް ބޭނުން ނުވާނެކަން ކަމުގައި ކަމާބެހޭ ފަރާތްތަކުން ބުންޏެވެ. މިހެންވުމުން ދަތުރުވެރިން ބޯޑިންވުމަށް އިތުރު ދަތިތަކާ ކުރިމަތިލާކަށް ނުޖެހެ އެވެ.
"މިހާރު ހުރިހާ ކަމެއްވެސް މިވަނީ 'ސަމާޓް" ވެފައި، ފަސް ހަ ސިކުންތު ތެރޭ ނިމޭ،" ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ރެސިޑޭންސީ އެންޑް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ އޮބެއިދް މެހަޔާ ބިން ސުރޫރް ވިދާޅުވި އެވެ.
ނަމަވެސް މި ޕްރޮގްރާމްގެ ސަބަބުން އެ ގައުމުގައި ޕްރައިވެސީ ގެއްލޭ ކަމުގެ ބިރު އުފެދިގެންދެ އެވެ. އަދި ނޫސްވެރިންނާއި ހިއުމަން ރައިޓްސް އެކްޓިވިސްޓުންނަށް ޓަގެޓް ކުރާކަމުގެ ތުހުމަތު ވެސް ބޭރުގެ ފަރާތްތަކުން ކޮށްފައިވެ އެވެ.
އެމިރެޓްސްގެ ބަޔޯމެޓްރިކް ޕްރައިވެސީ ބަޔާނުގައި ބުނާ ގޮތުން، އެ އެއާލައިންގެ ޕަސެންޖަރުންގެ ފޭޝަލް ޑޭޓާ އާއި އެހެން މައުލޫމާތާއި (ޕާސްޕޯޓު އަދި ފްލައިޓުގެ މައުލޫމާތު) ގުޅުވާލާ އެ މައުލޫމާތު ހިފަހައްޓަނީ "އޭގެ ބޭނުން ކެނޑެންދެންނެވެ".
ޕަސެންޖަރުންގެ އާންމު މައުލޫމާތު އެމިރޭޓްސްގެ އެހެން ސިސްޓަމްތަކުން ދެއްކި ނަމަވެސް، އެ އެއާލައިނުން ޕަސެންޖަރުންގެ މޫނުގެ ކޮޕީ ނުނަގާކަމުގެ އިތުރުން އިތުރު މައުލޫމާތެއް މިއެގްރިމެންޓްގައި ނެތެވެ.
ސުރޫރް ވިދާޅުވާގޮތުގައި ޕަސެންޖަރުންގެ އާންމު މައުލޫމާތު ވަރަށް ރަނގަޅަށް ދުބާއީގެ އިމިގްރޭޝަންއިން ރައްކާތެރިކުރާނެ އެވެ.
ނަމަވެސް އެކްޕާޓުން ދެކޭ ގޮތުގައި މިޑޭޓާތައް ބޭނުންކޮށް ރައްކާތެރިކުރާނެ ގޮތުގެ އިތުރު މައުލޫމާތެއް ނެތުމުން މިޑޭޓާތަކުން ނާޖައިސް ފައިދާ ނަގާފާނެ ކަމުގެ ބިރު އެބަ އޮތެވެ.
"ކޮންމެ ގައުމަކުން ބޭނުންކުރި ކަމުގައި ވިޔަސް ކޮންމެ ވައްތަރެއްގެ ސަވޭލެންސް ޓެކްނޮލޮޖީއަކީ ސަމާލުވާން ޖެހޭ ޓެކްނޮލޮޖީއެއް. އެކަމަކު މައުލޫމާތު ހިއްސާކޮށްގެން މިފަދަ ޓެކްނޮލޮޖީ ބޭނުން ކުރާނަމަ އާންމުންނަށް އޭގެ ވާހަކަދައްކާނެ ފުރުސަތު ލިބިގެންދާނެ،" މެސަޗުސަޓްސް އިންސްޓިޓޫޓް އޮފް ޓެކްނޮލޮޖީގެ ދަރިވަރެއް ކަމަށްވާ ޖޯނަތަން ފްރޭންކްލް ބުންޏެވެ.
އިނގިލީގެ ނިޝާން ނަގާ ފަދައިން ކެމެރާއަކަށް ބަލާލައިގެން ނެގޭ އައިރިސް ސްކޭންގެ ޓެކްނޮލޮޖީ ވަނީ ދުނިޔޭގައި ވަރަށް އާންމުވެފަ އެވެ. އާންމު ގޮތެއްގައި ގެންގުޅޭ ސަވޭލެންސް ކެމެރާތަކަށް ވުރެ އައިރިސް ބަޔޯމެޓްރިކްސް މާގާބިލެވެ.
މިދިޔަ މަހުގައި ދުބާއީގެ ބޮޑު ވަޒީރު ޝޭހް މުހައްމަދު ބިން ރަޝީދް އަލް މަކްތޫމް ވިދާޅުވި ގޮތުގައި އެ ގައުމުން ދަނީ މިފަދަ އިތުރު ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީތައް ބޭނުން ކުރުމަށް ތައްޔާރުވަމުންނެވެ.
ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައި ދުބާއީން ވަނީ ޓެކޮނޮލޮޖީ ބޭނުން ކޮށްގެން ގިނަ ފިޔަވަޅުތަކެއް އަޅަފަ އެވެ. މީގެ ތެރެއިން މޯލްތަކާއި މަގުމަތީގައި ތާމަލް ކެމެރާ އާއި ފޭސް ސެކޭންތައް ބޭނުން ކޮށްގެން މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލާ މާސްކް އަޅާތޯ ޗެކްކުރެވޭނެ ގޮތް ހަދާފައިވެ އެވެ.