އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތަށް މާމަ ވިދާޅުވާ ޕްރިންސް ހެރީގެ އަނބިކަބަލުން މޭގަން ވިދާޅުވާގޮތުގައި ޝާހީ އާއިލާއިން އެ ދެކަނބަލުންގެ ފިރިހެން ދަރިކަލުން އާޗީގެ ނަސްލާ ގުޅިގެން ތަފާތުކުރުންތަކެއް ގެންގުޅުއްވަ އެވެ. އަދި ދަރިކަލުންނަށް ޕްރިންސެއްގެ ލަގަބު ވެސް ނުދިނީ މިސަބަބާ ހުރެ ކަމަށް މޭގަން ސުވާލު އުފައްދާފައިވެ އެވެ.
"ވިހަނީ ކޮންކަހަލަ ކުއްޖެއް ކަމެއް ނޭނގޭ އިރު ވެސް، އެ މީހުން ބޭނުމެއް ނުވި ދަރިފުޅު ޕްރިންސަކަށް ނުވަތަ ޕްރިންސަސްއަކަށް ހަދާކަށް. މިހެންވުމުން އޭނާއަކަށް ސެކިއުރިޓީ އެއް ނުލިބޭނެ،" އޮޕްރާ ވިންފްރީ އަށް ދެއްވި އިންޓަވިއުއެއްގައި ދައްކަވަމުން މޭގަން ވިދާޅުވި އެވެ.
މެގަން ވިދާޅުވީ "ދަރިފުޅުގެ ހަމުގެ ކުލަ" އާ ބެހޭ ގޮތުން ވެސް ވާހަކަތައް ދެކެވުނުކަމުގެ ވާހަކަ ވެސް މޭގަން ހިއްސާ ކުރެއްވި އެވެ.
މިފަދަ ކަންބޮޑުވުންތަކުގެ ވާހަކަ ދެއްކެވީ ޝާހީ އާއިލާގެ ކޮން މެންބަރުންތަކެއްކަން ހާމަނު ކުރިނަމަވެސް، މޭގަން މިކަމާ ގުޅިގެން ހަނު ހުރީތޯ ނުވަތަ ހަނު ހުންނަން މަޖުބޫރު ކުރުވީތޯ ސުވާލުކުރުމުން ޖަވާބުގައި "ފަހުން ބުނި ކަމޭ" ވިދާޅުވެފައިވެ އެވެ.
ޕްރިންސް ހެރީ އާ 2018 ވަނަ އަހަރު ކައިވެނިބައްލަވައިގެންނެވި މި ދެކަނބަލުން މިހާރު ދިރިއުޅުއްވަނީ އެމެރިކާގެ ކެލިފޯނިއާގަ އެވެ.
އެތައް ބައެއްގެ ފާޑުކިޔުންތަކަކާ ކުރިމަތިލި ނަމަވެސް، މިދެމަފިރިންނާ ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން އެތައް ބަޔަކަށް ވަނީ ޝާހީ އާއިލާގެ "މުސްކުޅި" ވިސްނުން ހުރިގޮތް ފެނިފަ އެވެ.
"ދަ ޓައިމްސް" ގައި ޝާއިއުކޮށްފައިވާ ގޮތުން މޭގަން އަށް ވަރަށް ގިނަ ފުރައްސާރަ ކުރުންތަކަކާ ކުރިމަތިލާން ޖެހުނެވެ.
މޭގަން ވިދާޅުވިގޮތުގައި ޝާހީ އާއިލާގެ މެންބަރުން އޭނާ މިފަދަ ފުރައްސާރަތަކުން ދިފާއު ކުރުމުގެ ބަދަލުގައި އެހެން މީހުން ސަލާމަތް ކުރަން ވަނީ އެތައް އިތުރުފުޅުތަކެއް ހައްދަވާފަ އެވެ.
"ކައިވެނި ކުރުމަށްފަހު ހުރިހާ ކަމެއް ވެސް ދިޔައީ އިތުރަށް ގޯސް ވަމުން. އަހަރެން ދިފާއު ނުކުރާތާގައި އާއިލާގެ އެހެން މެންބަރުން ސަލާމަތް ކުރުމަށް ދޮގުހަދަން ތައްޔާރަށް ތިބީ،" މޭގަން ވިދާޅުވި އެވެ.
މީޑީއާގައި ފެތުރިގެން ދިޔަ މޭގަންގެ ކައިވެނީގެ ކުރިން ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް ރޮއްވާލި ކަމުގެ ހަބަރު ދޮގުކޮށް އެ ހަބަރު ފެތުރިގެންދިއުމަކީ ހަޔާތުގެ "ޓާނިން ޕޮއިންޓް"އެއް ކަމުގައި މޭގަން ވިދާޅުވި އެވެ.
"ހަގީގަތުގައި ކަންހިނގީ އޭގެ އިދިކޮޅަށް،" ކަން މޭގަން ވިދާޅުވި އެވެ.
"ކައިވެނީގެ ދެތިން ދުވަސް ކުރިން ކޭޓް ކުރި ކަމަކާ ހިތްހަމަނުޖެހިފައި. 'ފްލާވާ ގާލްސް'ގެ ހެދުމާ ގުޅިގެން، އަހަރެން އެކަމާ ވަރަށް ދެރަވެ ރުއިން،" މޭގެން ވިދާޅުވި އެވެ.
މީގެ އިތުރުން މޭގަން ފާހަގަކޮށްފައި ވަނީ އޭނާ ކަވެނި ކުރިއިރު ޅަ ކަމަށާއި ޝާހީ އާއިލާ އާއި ބެހޭ ގޮތުން މާގިނަ އެއްޗެއް އޭރު އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަަށެވެ.