ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ މޭގަން މާކަލް އާއި ޕްރިންސް ހެރީގެ އިންޓަވިއު މިވަނީ އިއްޔެ އާންމުކޮށްފަ އެވެ.

މި އިންޓަވިއުގައި އެ ދެމަފިރިން ވަނީ ޝާހީ އާއިލާއާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

މި ލިޔުމުގައި ބަލާލާނީި މި އިންޓަވިއުގެ ބައެއް އުސް އަލިތަކަށެވެ.

ނަަސްލީ ތަފާތުކުރުންތައް

މި އިންޓަވިއުގައި އެންމެ ބޮޑަށް ފާހަގަވި ކަމަކީ ޝާހީ އާއިލާގެ ތެރޭގައި ނަސްލީ ތަފާތު ގެންގުޅުކަމަށް މޭގަން ކުރި ތުހުމަތެވެ. އެގޮތުން މޭގަން އާއި ހެރީއަށް ލިބޭ ދަރިފުޅު ކަޅުވާނެ ކަމަށް ބުނެ ޝާހީ އާއިލާގައި ވާހަކަ ދެކެވިފައިވާ ކަމަށް މޭގަން ބުންޏެވެ.

"އަހަރެން ބަނޑުބޮޑުއިރު ގަނޑުވަރު ތެރޭގައި ވާހަކަ ދެކެވުނު އަހަންނަށް ލިބޭ ދަރިފުޅު ކަޅުވާނެއޭ ކިޔާފައި،" މޭގަން ބުންޏެވެ.

މޭގަން އިތުރަށް ބުނި ގޮތުގައި ވާހަކަ ދެއްކި ބަޔަކު އެވާހަކަ ދެއްކީ ހެރީ ގާތުގަ އެވެ. މޭގަންއާ ހަމައަށް އެ ވާހަކަތައް ފޯރީ ހެރީ މެދުވެރިކޮށެވެ. އެ ވާހަކަ ދެއްކީ ޝާހީ އާއިލާގެ ކޮން މެންބަރެއް ކަން ހާމަކޮށްފައެއް ނުވެ އެވެ.

ހެރީ ބުނީ އޭރު އެ ވާހަކަތައް ދެކެވުމަކީ އޭނާއަށް ހައިރާން ކަމެއް ގެނުވި ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ތަފްސީލުކޮށް ވާހަކަދައްކަން ވެސް އޭނާ ބޭނުންނުވާ ކަމަށް ބުންޏެވެ.

މޭގަން، ކޭޓް ރޮއްވާލި ވާހަކައަކީ ދޮގެއް

މީގެ އަހަރުތަކެއް ކުރިން ނޫސްތަކުގެ ފަލަ ސުރުހީ އިން ޖާގަ ހޯދި ހަބަރަކީ މޭގަން އާއި ހެރީގެ ކައިވެނީގެ ހަފްލާގައި ފްލާވާ ގާލްސްގެ ހެދުމާއި މެދު ކޭޓް ހިތްހަމަ ނުޖެހުމުން މޭގަން އޭނާ ރޮއްވާލި ހަބަރެވެ.

އެކަމަކު ކަންވީ އެގޮތަކަށް ނޫނެވެ. ފްލާވާ ގާލްސްގެ ހެދުންތަކާ މެދު ކޭޓް ހިތްހަމަ ނުޖެހުމުން އެކަމާ ރޮވުނީ މޭގަން އަށެވެ.

މޭގަން ބުނީ ކޭޓް އެކަމާ މެދު މައާފަށް އެދި، މާބޮނޑި ވެސް ފޮނުވި ކަމަށެވެ. އަދި ކޭޓް އަކީ "ރަނގަޅު މީހެއް" ކަމަށާއި އެކަމަކު ވެސް ގޯސް ހަބަރުތައް ރަނގަޅުކުރުވަން ކޭޓް ވެސް މަސައްކަތް ކުރިނަމައޭ ހިތަށް އަރާ ކަމަށް މޭގަން ބުންޏެވެ.

މޭގަން އަމިއްލައަށް މަރުވާން ހިޔާލުގެންގުޅުނު، އެހީއެއް ނުލިބުނު

މޭގަން ވަނީ ޝާހީ އާއިލާ އާ ގުޅުމަށް ފަހު ވެރިވި އެކަނިވެރިކަމާއި މިނިވަންކަން ގެއްލުމާ ގުޅޭ ގޮތުން ވާހަކަދައްކާފަ އެވެ.

"ގަނޑުވަރަށް އައުމަށް ފަހު ޕާސްޕޯޓެއް ވެސް، ލައިސަންސް އަދި ތަޅުދަނޑިއެއް ވެސް ނުދެކެން،" މޭގަން ބުންޏެވެ.

މޭގަން އިތުރަށް ބުނި ގޮތުގައި އޭނާގެ ނަފްސާނީ ހާލަތު ދަށަށް ގޮސް އަމިއްލައަށް މަރުވާން ވެސް ހިތަށްއެރި އެވެ.

"އިންސްޓިޓިއުޝަނަށް ގޮސް އަހަރެން ބުނިން އަހަރެން އެހީތެރިކަން ބޭނުމޭ. މި ނޫން ކޮންމެ ވެސް ތަނަކަށް ދާން ބޭނުމޭ، އަދި މިއީ އަހަންނަށް ދުވަހަކު ވެސް ވީ ކަމެއް ނޫނޭ. އެކަމަކު އެ މީހުން ދިން ޖަވާބަކި އެއީ އިންސްޓިޓިއުޝަނަސް ރަނގަޅު ކަމެއް ނޫން ކަމަށާއި އެއްވެސް ތަނަކަށް ނުދެވޭނެ ކަމަށް،" މޭގަން ބުންޏެވެ.

މޭގަން އިތުރަށް ބުނިގޮތުގައި އެހީއަށް އެދި އޭނާ ވަނީ ޝާހީ އާއިލާގެ އެންމެ "ސީނިއާ" ބޭފުޅުންގެ އަރިހަށް ވެސް ގޮސްފަ އެވެ. އަދި ގަނޑުވަރުގެ ހިއުމަން ރިސޯސް އަށް ވެސް ދިޔަ އެވެ. ނަމަވެސް އެއްވެސް ފަރާތަކުން އޭނާއަށް އެހީއެއް ނުވި އެވެ.

މީގެ އިތުރުން ވެސް މި އިންޓަވިއުގައި މޭގަން އާއި ހެރީ ވަނީ ޒާތީ ދިރިއުޅުމާއި ޝާހީ ޒިންމާތަކާ ދުރުވާން ނިންމި ނިންމާއި ގުޅޭ ގޮތުން ތަފްސީލުގޮތެއްގައި ވާހަކަ ދައްކާފަ އެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ދަނީ މި އިންޓަވިއުއާ ގުޅިގެން މޭގަން އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިއީ ޝާހީ އާއިލާގެ އަގު ވައްޓާލަން ކުރި ކަމެއް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.