ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީ (ޖެންޑާ މިނިސްޓްރީ)ގެ ސިޔާސީ މުވައްޒަފުން، ވެރިކަންކުރާ ޕީއެންސީ ޕާޓީގެ އެންގުމާ އެއްގޮތަށް ޕާޓީއަށް ފޯމު ހަމަކޮށްފި އެވެ.

ސިޔާސީ މުވައްޒަފުން ހަމަކުރި ފޯމް އިއްޔެގެ ވަގުތެއްގައި ޕާޓީގެ ޗެއާމަން އަބްދުލް ރަހީމް އަބްދުﷲ އާ ހަވާލުކުރެއްވީ އެ މިނިސްޓްރީގެ މިނިސްޓަރު އައިޝަތު ޝިހާމް އެވެ. ފޯމު ހަވާލުކުރުމަށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ޕީއެންސީ އޮފީހަށް ހާޒިރުވެފައިވެ އެވެ.

ޕީއެންސީން ވަނީ މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން ވަކި އަދަދަކަށް ފޯމް ހަމަކުރުމަށް އަންގާފަ އެވެ. އެހެންކަމުން ފާއިތުވި ދުވަސްތަކުގައި މިނިސްޓްރީގެ މުވައްޒަފުން ވަނީ ޕާޓީއަށް ފޯމު ހޯދުމަށް ވަރަށް އަވަދިނެތި މަސައްކަތް ކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން މި އަންނަ އަހަރު ދޫކުރާ ފައިސާގެ އަދަދު ކަނޑައެޅުންމަށް، މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މެންބާޝިޕް ފޯމު އިލެކްޝަން ކޮމިޝަން އަށް ހުށަހެޅުމަށް ގިނަ ޕާޓީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރައީސް މުއިއްޒުގެ ހުވަފެންފުޅު ހަގީގަތަކަށް ހެދުމަށް 75،000 ފޯމު ހަމަކުރުމަށް އެ ޕާޓީން ސިޔާސީ މަގާމު ދީފައިވާ ފަރާތްތަކަށް އަންގާފައިވާކަމަށް "ހުރިހާ"އަށް ވަނީ އެނގިފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީއަށް ގިނައިން ވައްދަމުން ދަނީ ޕީޕީއެމްގެ މެންބަރުންނެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް ކޮންމެ މީހަކު ޕީއެންސީއަށް 10 ފޯމު ހަމަކުރުމަށް އަންގާފައިވާކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ޖެންޑާ މިނިސްޓްރީގައި 66 ސިޔާސީ މުވައްޒަފުން ތިބިކަމަށް އެ މިނިސްޓްރީން މީގެ ހަތަރު މަސް ކުރިން ވަނީ ހާމަކޮށްފަ އެވެ. މިހާރު މި އަދަދު މިއަށްވުރެ އިތުރުވާނެކަމަށް ބެލެވެ އެވެ.