އަންނަ މަހު ކަލާޒް އިން ފެށުމަށް ހަމަޖެހިފައިވާ "ބިގް ބޮސް 18" ގައި މީގެ ކުރީގެ ސީޒަންތަކުގައި ފެނިގެން ގޮސްފައިވާ ބައިވެރިން ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

"ބިގްބޮސް" 18 ވަނަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ދިވެހިންގެ މެދުގައިވެސް މަގުބޫލު އިންޑިއާގެ ރިއަލިޓީ ޝޯ ހޯސްޓްކުރާނީ އެހެން ސީޒަންތައްވެސް ހޯސްޓްކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެވެ.

"ބިގްބޮސް 18"ގެ ޕްރޮމޯތައް ކަލާޒް ޓީވީއިން ގެނެސްދޭއިރު މިފަހަރުގެ ސީޒަންގައިވެސް ބަދަލުތަކެއް ފެނިގެންދާނެ އެވެ. މިފަހަރުގެ ތީމަށް ކަނޑައަޅާފައިވަނީ "ވަގުތު" އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަންގައި މީގެ ކުރީގެ ސީޒަންތަކުގައި ފެނިގެން ގޮސްފައިވާ ބައެއް ގޭމްތައްވެސް ފެނިގެންދާނެ އެވެ.

https://www.instagram.com/p/DAU_I6ZNTIj/

އަދި ކުރީގެ ސީޒަންތަކުން ފެނިގެން ގޮސްފައިވާ މަގުބޫލު ބައިވެރިން މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ އެވެ. އެގޮތުން މިހާތަނަށް ފައިނަލްވެފައިވާ ނަމަކީ ބިގްބޮސް ސީޒަން 11 ކާމިޔާބު ކުރި ޝިލްޕާ ޝިންޑޭ އެވެ.

ޝިލްޕާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ހަތުރޯން ކޭ ކިލާޅީ ސީޒަން 14 އިންނެވެ.

ޝޯގެ ކްރިއޭޓަރުން ވަނީ ޝިލްޕާއަށް ބިގް ބޮސްގެ މެސެޖެއް ލިބޭ ޕްރޮމޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. ޝިލްޕާގެ އިތުރުން މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކުރީގެ ބައިވެރިން ޝޯ އުފައްދާ ފަރާތްތަކުން ހާމަކޮށްފައިނުވެ އެވެ.

https://www.instagram.com/p/DAV-6fuyz-k/

މިފަހަރުގެ ސީޒަންގައި ކުރީގެ ބައިވެރިން ގެނެސްދިނުމަށް ނިންމާފައިވާއިރު "ބިގްބޮސް 14"ގައިވެސް ވަނީ ކުރީގެ ބައިވެރިންތަކެއް ޝޯގައި ބައިވެރިކޮށްފަ އެވެ.

މިފަހަރުގެ ސީޒަންގެ ބައިވެރިންގެ ގޮތުގައި ފެންނާނެ ކަމަށް އަޑު އަރާފައިވާ ތަރިންގެ ތެރޭގައި ޓީވީ ބަތަލާ ނިއާ ޝަރުމާ، ޓީވީ އެކްޓަރު ޝުއައިބް އިބްރާހިމް، އެކްޓަރު ދީރާޒް ދޫޕާރު، ނިއްރާ ބެންޖާރީ، ޝިލްޕާ ޝިރޯޑްކާ، ޒާން ޚާން، ޝާންތީ ޕްރިޔާ، ހަތުރޯން ކޭ ކިލާޅީ 14 ކާމިޔާބުކުރި ކަރަންވީރު މެހެރާ ހިމެނެ އެވެ.

މީގެ އިތުރުން މަގުބޫލު ޓީވީ އެކްޓަރުންނާއި ޝޯސަލް މީޑިއާގެ މަގުބޫލު ތަރިން ފެނިގެންދާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ޚާއަރްޖުން ބިޖްލާނީ، ކަރަން ޕަޓޭލް އަދި ސަމީރާ ރެޑީ ހިމެނެ އެވެ.