ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިހުރި ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލު، 45 މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ޖަލުގައި މަރުވެފައި އޮއްވާ ފެނިގެން ބެލިބެލުމުން، އޭނާ މަރުވެފައި ވަނީ ހިތްހުއްޓިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާގެ މަރާ ގުޅިގެންވެސް، އޭނާ ސަޖިދައަށް އޮވެ މަރުވެފައި އޮންނަތާ ގިނައިރުތަކެއް ވެފައިވާކަން ހަށިގަނޑުން ފެންނަން ހުރިކަމުގެ ޝަކުވާ އޭނާގެ އާއިލާއިން އޭރު ވަނީ ކޮށްފަ އެވެ.

ޖަމީލުގެ މަރާގުޅިގެން ކަރެކްޝަނަލް ސާވިސްއިން ބުނީ އޭނާ ނަމާދަށް ހުރުމުން، އާއްމު އުސޫލުން ނަމާދަށް ހުންނަ މީހަކަށް ގޮވާ ނުހަދާތީ، ހަަތަރު ގަޑިއިރު އޭނާ ސަޖިދައިގައި އޮތްއިރު ވެސް ބަލާ ނުލީ ކަމަށެވެ.

މިކަމާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި "މެގަ މިނިސްޓަރު" ހޯމްލޭންޑް ސެކިއުރިޓީގެ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މޮނިޓަރިން ނިޒާމު ހަރުދަނާ ކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދެ މީހަކު ވަނީ އަމިއްލައަށް މަރުވެފަ އެވެ. މިއީ އެ ވިދާޅުވި ނިޒާމު ހަރުދަނާކުރުމުގައި ފެއިލްވިކަމުގެ ހެއްކެއްކަމަށް ފުދޭ ނޫން ހެއްޔެވެ؟

މާފުށީ ޖަލު

ޖަމީލުއަށްފަހު މި މަހުގެ އެއްވަނަ ދުވަހު ށ. މިލަންދޫ، ހެޕީލޭންޑް، އަހުމަދު އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހިގެން އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅި ޖައްސާ ބިރުދެއްކި މައްސަލާގައި، އަތުހަރު ހައްޔަރު ކުރުމުގެ ތެރޭގައި ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވަނިކޮށް، އޭނާ ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ކަމާގުޅުންހުރި އިދާރާތަކުން އެކަމާ ގުޅިގެން ތަހުގީގުތަކެއް ފެށިކަމަށް ބުންޏެވެ.

އަތުހަރުގެ މަރާ ގުޅިގެން އާންމުންނާއި އޭނާގެ އާއިލާއިން ސުވާލު އުފައްދަން ފެށުމުން ފުލުހުންވަނީ ނޫސްވެރިންނަށް އޭނާ ގޮޅިތެރޭގައި ނާޑުވާއަކުން ދަންޖެހޭ ސީސީޓީވީ ފުޓޭޖް ދައްކާފަ އެވެ. އެ ފުޓޭޖުން ފާހަގަވީ ފުލުހުންނަށް އަތުހަރުގެ ގޮޅިއަށް އެޓެންޑް ކުރެވުނީ ދަންޖެހިފައި ހުންނަތާ 30 މިނެޓް ފަހުން ކަމެވެ.

ކުރީގެ މާލެ ޖަލަށް ބަޔަކު ވައްދަނީ

މިހިސާބުން ފުލުހުންގެ އިހުމާލު އޮތްކަން މިވަނީ ހާމަވެފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް ދަން ޖެހިފައި 30 މިނެޓްވާއިރު ނޭނގޭނަމަ، މީ އިހުމާލު ނޫން ހެއްޔެވެ؟ މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ނުވަތަ ޖަލަށް ވައްދާ މީހަކަށް ނާޑުވާއެއް ވެއްދުމަކީ މަނާކަމެކެވެ.

ފުލުހުން އަމަލުކުރަންޖެހޭ އުސޫލުގައި ވާގޮތުން އެފަދަ އެއްޗެއް ވެއްދުމުގެ ކުރިން އެފަދަ ހުރިހާ އެއްޗެއް ކުށްވެރިޔާ އަތުން އަތުލަން ޖެހެ އެވެ. އަތުހަރަށް ގޮޅިއާ ހިސާބަށް ނާޑުވާއެއް ގެންދެވުނު ގޮތާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން އެ ސުވާލަށް ފުލުހުން ޖަވާބު ދީފައެއް ނުވެ އެވެ. މިމައްސަލާގައި އިހުމާލުވި ފުލުހުންނާ މެދު ފިޔަވަޅު އަޅާނަންތޯ ކުރި ސުވާލަށް ވެސް ޖަވާބެއް ނުލިބެ އެވެ.

ތިންވަނައަށް މަރުވެފައިވަނީ އުމުރުން 62 އަހަރުގެ، އަބްދުލްޣަނީ އިސްމާއިލް، ގ. އެއްތެޔޮމާގެ އެވެ. އޭނާ މާފުށީ ޖަލުގެ ގޮޅީގައި އަމިއްލައަށް ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހު އެވެ.

އަބްދުލްޣަނީގެ މަރާ ގުޅިގެން އާއްމުން މާ ބޮޑު ޝަކުވާއެއް ނުކުރުމުން މިފަހަރު "މެގަ މިނިސްޓަރު"ގެ ހިލަމެތް ނުވެ އެވެ. ފުލުހުން އެކަމާމެދު ބުނާނެ މުހިއްމު އެއްޗެއް ނެތުމުން ޕްރެސްކޮންފަރެންސްއެއް ނުބާއްވަ އެވެ. ނަމަވެސް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރަން ޖެހޭނީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުން ނޫނެވެ. ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރެވޭނަމަ، މިފަދަ އިހުމާލުތައް ތަކުރާރު ވެގެންނުވާނެ އެވެ.

މީހާގެ މަރުގެ ވަގުތު އައިސް ޖެހުމުން ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުއްޓަސް މަރު ވާނެކަމާމެދު ޝައްކެތް ނެތެވެ. ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިއްބާ ގައިދީން އަމިއްލަ އަށް މަރުވުމަކީ ދައުލަތުގެ އިހުމާލު އެކަމުގައި ހިމެނޭނެ ކަމެކެވެ. ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތައް ކުރާއިރު، މިފަދަ އިހުމާލުތައް ތަކުރާރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ އިހުމާލުތަކަށް ޒިންމާ ވުމުގެ ބަދަލުގައި ރައްޔިތުން ފާޑު ނުކިޔާނަމަ މައްސަލަ އޮއްބާލާ ހަނުތިބުމަކީ މައްސަލަތަކަށް ހައްލު ހޯދާދިނުމެއް ވެސް ނޫނެވެ.