ލުބުނާނުގެ ހިޒުބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލާފައި ވާކަމަށް އިޒްރޭލުން އިއުލާންކޮށްފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އެކްސްގައި ކުރި ޕޯސްޓެއްގެ ބުނީ ހުކުރު ދުވަހު ލުބުނާނުގެ ބައިރޫތަށް ދިން ހަމަލާތަކުގައި ހަސަން ނަސްރުﷲ އަވަހާރަކޮށްލާފައި ވާކަމަށެވެ.
މީގެ ކުރިން 2006 ވަނަ އަހަރު އިޒްރޭލާ ހިޒުބުﷲ ކުރި ހަނގަމުރާމާގައިވެސް ނަސްރުﷲއަށް ނުގުޅި ދެ ދުވަސް ވުމުން އޭނާ އަވަހާރަވީކަމަށް އަޑުފެތުރިފައިވެ އެވެ. ނަމަވެސް އޭނާ ފަހުން ވަނީ ގަދަވެ ސަލާމަތުން ހުއްޓާ ފެނިފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާތަކުގައި ހިޒުބުاللهގެ ދެކުނު ފްރަންޓްގެ ކޮމާންޑަރެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އަލީ ކަރަކޭ އާއި ހިޒުބުاللهގެ އިތުރު ކޮމާންޑަރުން މަރާލާފައިވާކަމަށެވެ.
އިޒްރޭލުން ފަލަސްތީނަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާ ދޭން ފެށުމާއެކު، ހިޒުބުﷲ އިން ގެންދިޔައީ އެކި ގޮތްގޮތުން އިޒްރޭލަށް ހަމަލާ ދެމުންނެވެ.
ފާއިތުވި ހަފުތާއެއްހާ ދުވަސް ތެރޭގައި އިޒްރޭލުން ވަނީ ގައްޒާއަށް ވުރެން ގަދައަށް ލުބުނާނަށް ހަމަލާ ދޭން ފަށާފަ އެވެ. މި ހަމަލާތަކުގައި ލުބުނާނުގައި މަރުވި މީހުންގެ އަދަދު ވަނީ 700 އިން މައްޗަށް އަރާފަ އެވެ. މީގެ އިތުރުން 118،000 މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އެ ގައުމުން ބުނެ އެވެ.