ޖޭކޭ ރޯލިންގްގެ ފޮތްތަކަށް ބިނާކޮށް ހަދާފައިވާ ހެރީ ޕޮޓާ ފިލްމް ސީރީޒް އިން ޕްރޮފެސަރ މެގްގޮނަގަލްގެ ރޯލުންގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިނގިރޭސި އެކްޓްރެސް ޑޭމް މެގީ ސްމިތް އުމުރުން 89 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާ މަރުވިކަން އާއިލާއިން އިއުލާންކޮށްފައިވަނީ ހުކުރު ދުވަހު އެވެ. އޭނާގެ އާއިލާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މެގީ ސްމިތް މަރުވެފައިވަނީ ގޭގަކަމަށެވެ.

1950 ގައި ފެށި އޭނާގެ އެކްޓިން ކެރިއަރުގައި މެގީ ސްމިތްވަނީ ވަރަށް ގިނަ ކާމިޔާބީތައް ހޯދާފަ އެވެ. އެގޮތުން އެނާއަށް ވަނީ ހަތަރު އެމީ އެވޯޑާއި، ތިން ގޯލްޑަން ގްލޯބް އަދި 2 އޮސްކާވެސް ލިބިފަ އެވެ.

އޭނާގެ ކެރިއަރުގެ އެންމެ ފަހުގެ މަސައްކަތަކީ އިނގިރޭސި ސީރީސް ޑައުންޓަން އެބީ އެވެ.

ހެރީ ޕޮޓާގެ މަސައްކަތަގެ އިތުރުން އޭނާގެ މަސައްކަތް ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދަ ޕްރައިމް އޮފް މިސް ޖީން ބްރޯޑީ" "ކެލިފޯނިއާ ސުއީޓް"، "ޓީ ވިތް މުސޮލީނީ" އަދި "ގޮސްފޯޑް ޕާކް" ހިމެނެ އެވެ.

އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ހެރީ ޕޮޓާގެ ޕޮރޮޕެސަރ މެގްގޮނަގަލްގެ ރޯލުންނެވެ. ހެރީ ޕޮޓާ ފްރެންޗައިސްގެ 8 ފިލްމުގައިވެސް އޭނާ ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.

އެކްޓިިން ލެޖެންޑެއް ގޮތުގައި ބެލެވޭ މެގީ މަރުވުމާގުޅިގެން ދުނިޔޭގެ ފިލްމީ ދާއިރާގެ މީހުންނާއި ސިޔާސީ ވެރިންވެސް ވަނީ އޭނާގެ މަސައްކަތަށް ތައުރީފްކޮށް ހަނދާންއާކޮށްފަ އެވެ.