ދެއްވަދޫ މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައިނުވާތީ އެރަށަށް މިއަދު ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމު ރަށުން ބާލައިފި އެވެ.

ދެއްވަދޫ ބަޔަކު ނުކުމެ ފިޝަރީޒް މިނިސްޓްރީގެ ޓީމާ ދެކޮޅަށް އިހްތިޖާޖުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެރަށު މަސްވެރިން ސަރުކާރަށް ގޮވާލަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއެއްގޮތަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށެވެ. މިފްކޯއަށް މަސް ގަންނަތާ މަދުވެގެން ދެ ހަފްތާގެ ތެރޭގައި ފައިސާ ދެއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ދެއްވަދޫން ވާހަކަދެއްކި ބައެއް މަސްވެރިން ބުނީ އެރަށަށް މިއަދު ދިޔައީ މަސް ފިނި ކުރާ އާރްއޯ ޕްލާންޓާ ގުޅޭ މައުލޫމާތު ދޭން ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ މިނިސްޓްރީގެ ފަރާތުން ދައްކާ އެއްވެސް ވާހަކައެއް އަޑުއަހަން މަސްވެރިން ބޭނުންނުވީ ކަމަށް އޭނާ ބުންޏެވެ.

އިއްޔެ ވެސް އެ މިނިސްޓްރީގެ ޓީމް ދެއްވަދުއަށް ދިޔުމަށް މަސައްކަތް ކުރި އެވެ. އެކަމަކު މަސްވެރިން ހުރަސްއެޅުމުން ރަށަށް އެރޭގޮތެއް ނުވި އެވެ. މިއަދު އެ ޓީމް އެރަށަށް ދިޔައީ މަސްވެރިން އަސްރު ނަމާދުގައި ތިއްބަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ޓީމު ވަނީ ގއ. ދާންދުއަށް ވެސް އަރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެރަށު މަސްވެރިން ވެސް ވަނީ އެ ޓީމުގެ މެމްބަރުން އެރަށަށް އެރިޔަނުދީ ހުރަސްއަޅާފަ އެވެ.

މީގެކުރިން ވެސް ސަރުކާރުން މަސްވެރިންނަށް ފައިސާ ދިނީ ސިލްސިލާ މުޒާހަރާތަކެއް ކުރަން ފެށުމުން ޕްރެޝަރު ބޮޑުވެގެންނެވެ.