އދ. ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލި ތުއްތު ކުއްޖާގެ މަރުގެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު ދިގުރަށުގައި ވިހެއުމަށް ފަހު، ކޮތަޅަކަށްލާފައި އެ ރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީ ލަންކާގެ މީހެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ.
އެ މައްސަލާގައި އޭނާ ހައްޔަރުކުރީ ފުރަން ގޮސް އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ކުރުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ޑީއެންއޭ ރިޕޯޓްތައް ހުށަހަޅަން ކޯޓުން ކުރިން ފުރުސަތު ދީފައިވާއިރު, މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ އެ ރިޕޯޓް މިއަދުގެ ވަގުތެއްގައި ކޯޓަށް ލިބިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓް ބަލައިގަތުމަށް ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންވެ, ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.
މިއަދުގެ އަޑުއެހުމުގައި ހިރަންޏާ ބުނީ އޭނާ ބަންދުގައި ހުންނަތާ 10 މަސް ދުވަސް ވެފައިވާއިރު, ޖަލުގައި ހުންނައިރު އެހީތެރިވާނެ މީހަކު ނެތް ކަމަށެވެ.
ގާޒީ އިހްސާން ވިދާޅުވީ އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ ނޮވެމްބަރު މަހު ކުރިއަށް ގެންދާނީ މެދުކެނޑުމެއް ނެތި ކަމަށެވެ. އަދި ދެ ފަރާތަށް އެއްބަސްވެވޭ ކަމެއް އޮތް ނަމަ އެކަން ފާހަގަ ކުރެވިދާނެ ކަމަށާއި އޭރުން މައްސަލަ އަވަހަށް ނިންމޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދިނުމުން ދައުލަތުން ބުނީ އެއްވެސް ހުށަހެޅުމެއް ނެތް ކަމަށެވެ. ނަމަވެސް ދިފާއީ ވަކީލް ވިދާޅުވީ ހުށަހެޅުންތައް ހުށަހަޅަން އިތުރު މުއްދަތެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ކޯޓުން ވަނީ ދީފަ އެވެ.
މީނާ ގެންގޮސް ލާންވީ ކޮންމެވެސް ޖަންގައްޔެއްގައި ދިރިއުޅޭ ޖަންގަލީގެ ގަބީލާއަކަށް ނޫނީ މިނިކާ ރާއްޖެއަށް! އޭރުން އެބައިމީހުންނަށް ވަރަށް ފައިދާ ވާނެހެން ހީވޭ!!
ރިޕްލައި