ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިއަދު ބުނީ ޕީއެސްއެމް އިން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާއާ ގުޅޭ މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ފުލުހުންނާއި އޮޑިޓް އޮފީހުންނެވެ.

ޕީއެސްއެމްއަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކަށް އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ފަހު، އޭގެ ތެރެއިން ބައެއް ފައިސާއަށްވާ ޑޮލަރު ނުލިބި ހުރި މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ހެދުމުން ގިނަ ކަންކަން ވަނީ ފަޅާއަރައިފަ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޑޮލަރު ގަތުމަށް 2020 އިން ފެށިގެން މިދިޔަ އޭޕްރީލްގެ ނިޔަލަށް އެކި ފަހަރު މަތިން 373،988 ޑޮލަރަށްވާ 5.7 މިލިއަން ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނަގާފައިވެ އެވެ. އެ ފައިސާގެ ތެރެއިން 4.5 މިލިއަން ރުފިޔާއަށްވާ 297،257 ޑޮލަރު އެ ކުންފުންޏަށް ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. ޑޮލަރު ގަތުމަށް ނެގި ފައިސާގެ ތެރެއިން އެ ކުންފުންޏަށް ލިބިފައިވަނީ 1.2 މިލިއަން ރުފިޔާއަށްވާ 76،731 ޑޮލަރެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ޑޮލަރު ގަތުމަށް ޗެކު މެދުވެރިކޮށް 4.5 މިލިއަން ރުފިޔާގެ ތެރެއިން 968،580ރ. އާ އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ހަވާލުވެ ސޮއިކޮށްފައިވާ ކަމަށެވެ.

އޮންލައިން ޓްރާންސްފާ ހަދައިގެން 1.2 މިލިއަން ރުފިޔާ ޑޮލަރު ގަތުމަށް ނަގާފައިވާއިރު، 75،491 ޑޮލަރަށްވާ 1.16 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ އެކައުންޓަށް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.