މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ވަޖީހު ދުއްވަން 1.5 މިލިއަން ރުފިޔާ އަށް އެތެރެކުރި ކާރާ އެ ކުންފުނިން ހަވާލު ނުވި އެވެ.
މީގެ ކުރިންވެސް ހެޑްލައިންތަކަށް އަރާފައިވާ، މި ކާރު ރާއްޖެ ގެނެސް ނޯތު ހާބަރުގައި ބާއްވާފައި އޮންނަތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ.
މި އަހަރުގެ އޭޕްރީލް މަހު އެމްޕީއެލުން މި ކާރު ގަތުމަށް ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭ މައުލޫމާތުތަކެއް ލީކުވެފައިވެ އެވެ. އޭގެ ތެރޭގައި ކާރު ގަތުމަށް ކުންފުނިން ހަދާފައިވާ ޕާޗޭސް އޯޑަރު ހިމެނެ އެވެ. ކާރު ގަތުމަށް ނިންމާފައި ވަނީ އަސްލު އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށްކަން ވަނީ އެނގިފަ އެވެ.
މި މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް އައުމުން ކާރާ ހަވާލުވުމަށް އެމްޕީއެލުން ދަނީ އިންކާރު ކުރަމުންނެވެ. އެކަމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުނީ ކާރު އެތެރެކުރި ކުންފުންޏަށް އެމްޕީއެލުން ފައިސާވެސް ނުދައްކާ ކަމަށެވެ. މިކަމާ ގުޅިގެން އެ ކުންފުނިން ދަނީ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން ކަމަށް އޭނާ ބުންޏެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަނީ ކޮރަޕްޝަންއަށް މަގުފަހިވާ ގޮތަށް އެތައް ކަންތައްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން، އެޗެޑީސީ އަދި އެފްއެސްއެމް ހިމެނެ އެވެ. ނަމަވެސް ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރާއިރު، އެއްވެސް މީހަކަށް ފިޔަވަޅު ވެސް ނާޅަ އެވެ.