މާފުށި ޖަލުގައި ތިބި ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން މަނާތަކެތި ފޯރުކޮށްދެމުން ދިޔަކަމުގެ ތުހުމަތުގައި އޮގަސްޓު 23، ގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ ފަސް މީހުންގެ ތެރެއިން ތިން މީހަކާއި އެކީގައި އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފި އެވެ.

ކުށުގެ އިއުތިރާފުގެ އެއްބަސްވުން ހެދީ އެ މައްސަލާގައި ދައުވާކޮށްފައިވާ ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް އާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲ ގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، އަލީ އަސްފާގު އާ އެކުގަ އެވެ.

އެ ތިން މީހުންނަށް ދައުލަތުން ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމު ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގައި ދެން ދައުވާ ލިބޭ ދެ އޮފިސަރުންނާ އެކީ އަދި ކުށުގެ އިއުތިރާފު އެއްބަސްވުމެއް ނަހަދަ އެވެ.

އެ ދެ އޮފިސަރުން މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފަ އެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލަ އާއި ގުޅިގެން 13 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ބާކީ ތިބި އަށް މީހުންނަށް ބޭނުންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ދައުވާ ނުކުރުމަށް ޕީޖީން ނިންމާފައިވެ އެވެ.

ޖަލުގައި ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ފޯރުކޮށްދިނުމަށް އެހީތެރިވެދޭ ބޮޑު ނެޓްވޯކެއް ހައްޔަރުކޮށްފައިވަނީ ނިމިދިޔަ ޖޫން މަހު އެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ ކަރެކްޝަންސްގެ 18 އޮފިސަރެއްގެ އެކައުންޓަށް 73 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން އެއް އޮފިސަރުގެ އެކައުންޓަށް އެކި ފަހަރު މަތިން 24 މިލިއަން ރުފިޔާ ޖަމާވި ކަމަށް އިހުސާން ވިދާޅުވި އެވެ.