އީރާނުން އިޒްރޭލަށް މިރޭ މިސައިލުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

އިރާނުން އިޒްރޭލަށް ބެލެސްޓިކް މިސައިލްތަކެއް ފޮނުވާލައިފި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ވެސް ވަނީ އެއްބަސްވެފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ މިކަމާ ގުޅިގެން އެ ގައުމުގެ އާންމުން ރައްކާތެރިވުމަށް ފިޔަވަޅުއަޅަން އަންގައިފަ އެވެ.

މި ގޮތުން އިރާނުން 200 އަށް ވުރެ ގިނަ މިސައިލް ފޮނުވާލާފައިވެ އެވެ.

އެމެރިކާއިން މީގެ ކުރިން ވަނީ އިރާނުން ބެލެސްޓިކް މިސައިލްތަކެއް ފޮނުވާލުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފަ އެވެ. އިޒްރޭލް މި ހަމަލާއިން ދިފާއުކުރުމަށް އެހީތެރިވަމުންދާ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އީރާނުގެ ހަމަލާތަކުން އިޒްރޭލް ދިފާއުކޮށް ދިނުމަށް މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަންގަވައިފަ އެވެ.

އީރާނުން މިރޭ އިޒްރޭލަށް ފޮނުވާލި މިސައިލްތަކެއް އިޒްރޭލް މަތިން ދަނީ

އިރާނުގެ ހަމަލާ ފޮނުވާލާފައި މިވަނީ އިޒްރޭލުން އިއްޔެގެ ވަގުތެއްގައި ލުބުނާނުގެ ދެކުނަށް ވަދެގެންފައި ވަނިކޮށެވެ. އިޒްރޭލުން ވަނީ މި ހަފްތާ ތެރޭގައި ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީ އިރާނުން ވާގިވެރިވާ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލައިފަ އެވެ.

ދިމިޝްގުގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ހަމަލާ ދިނުމާ ގުޅިގެން، މި އަހަރުގެ އޭޕްރީލް މަހު ވެސް އިރާނުން ވަނީ މިސައިލާ ޑްރޯން ހަމަލާތަކެއް އިޒްރޭލަށް ފޮނުވާލައިފަ އެވެ. އެ ހަމަލާ އިން އިޒްރޭލު ސަލާމަތް ކުރުމަށް އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުން ވަނީ ހަރަކާތްތެރިވެފަ އެވެ.

އީރާނުން މިރޭ އިޒްރޭލަށް މިސައިލްތަކެއް ފޮނުވާލަނީ

ހިޒްބުﷲ ގެ ލީޑަރު ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން އިރާނުން ވަނީ އިޒްރޭލު މިފަހަރު ނެތިގެންދާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ނަމަވެސް އެ ގައުމުގެ ފޮރިން މިނިސްޓަރު ހޯމަ ދުވަހު ވިދާޅުވީ އިރާނު ސިފައިން އިޒްރޭލާ ކުރިމަތިލުމަށް ލުބުނާނާއި ގައްޒާއަށް ނުފޮނުވާނެ ކަމަށެވެ. އެ ދެ ގައުމުގައި އަމިއްލަ އަށް ދިފާއުވުމުގެ ގާބިލްކަން ހުންނާނެކަމަށް ވެސް އިރާނުން ބުންޏެވެ.

ޚަބަރުތައް ބުނާ ގޮތުގައި އިޒްރޭލަށް ހަމަލާ ދޭން އަންގަވާފައި ވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އެވެ.

އިރާނަށް ރައްދު ދެމުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޯމަ ދުވަހު ބުނީ މެދުއިރުމަތީގައި އިޒްރޭލަށް ހަމަލާ ނުދެވޭނެ ތަނެއް ނޯންނާނެ ކަމަށެވެ.

އިރާނުން އިޒްރޭލަށް ހަމަލާ ދިނުމުން މިހާރު އުފެދިފައިވާ ހަމަނުޖެހުންތައް ސަރަހައްދުގެ އެކި ދިމާލަށް ފެތުރި މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް އެންމެ ފަހުން ހަމަލާދޭތައް ދޭން ފެށިތާ އަހަރެއް ވާން ގާތްވެފައިވާއިރު ބައިލައްކައާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުވެފައިވެ އެވެ. ހިޒްބުﷲ އިން ދިޔައީ އޮކްޓޯބަރު، 2023 އިން ފެށިގެން ގާޒާގެ ދިފާއުގައި އިޒްރޭލަށް ހަމަލާތައް ދެމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި އިޒްރޭލުން ވަނީ ލުބުނާނަށް ހަމަލާ ދޭން ފަށައިފަ އެވެ.