ލ. ގަމުގައި ހުންނަ ސުކޫލެއްގެ ފިރިހެން ދަރިވަރަކު ރަހީނުކޮށް، އޮރިޔާންކޮށް ވީޑިއޯ ކުރުމަށްފަހު ބްލެކްމޭލް ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެކުއްޖާ ރަހީނުކުރީ ގޭގައި ނިދާފައިއޮއްވާ، އެ ސުކޫލުގެ ދަރިވަރުންތަކެއް އެ ކުއްޖާ ނިދާ ކޮޓަރީގެ ކުޑަދޮރުން ވަދެ އެވެ. އެއަށްފަހު އެކުއްޖާ ރުއްގަނޑަކަށް ގެންގޮސް ދަނޑިބުރިއަކުން ތަޅާ އަނިޔާކޮށް ބަރަހަނާ ކުރުމަށްފަހު، ވީޑިއޯކޮށްފައިވެ އެވެ.

ފައިސާ ނުދީފިނަމަ ވީޑިއޯ ލީކް ކުރާނެކަމަށް ބުނެ އެކުއްޖާ ބްލެކްމޭލުވެސް ކޮށްފައިވާކަމަށްވެ އެވެ.

އެކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެކުއްޖާ ނިދާފާ އޮއްވާ ކުދިންތަކެއް ވަދެ ބޭރަށް ނުގޮސްފިނަމަ މަރާލާނެކަމަށް ބުނެ ގެންގޮސް އަނިޔާކޮށް، ބަރަހަނާ ވީޑިއޯހަދާ، އެފުރައިގެ ގިނަ ކުދިން ތިބޭ އިންސްޓަގްރާމް ގްރޫޕަކަށް ވީޑިއޯލުމަށްފަހު މަރުގެ އިންޒާރު ދީފައިވާކަމަށެވެ.

"މިއަށްވުރެ ވަކި ސީރިއަސް ކްރައިމްއެއް ކޮބާ ހެއްޔެވެ؟ މީ ގްރޭޑް 9 ގައި އުޅޭ ކުއްޖެއް އިސްވެހުރެ ގްރޫޕަކުން ހިންގި އަމަލެއް ވީމަ މިފަހަރުވެސް އޮންނާނީ އޭނަގެ ހައްގެވެ. އަހަރެންގެ ދަރިފުޅަށް އިންސާފު ހޯދާދޭނީ ކިހިނެއްހެއްޔެވެ؟" އެ ކުއްޖާގެ މަންމަ ބުނެފައިވެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރަސްދޫ މިސްކިތެއް ތެރޭގައި ކުއްޖަކަށް ބުލީކޮށް އަނިޔާކޮށްފައިވާ ވީޑިއޯއެއްވެސް ވަނީ އާންމުވެފަ އެވެ.