ލ. ގަމުގައި ހުންނަ ސުކޫލެއްގެ ފިރިހެން ދަރިވަރަކު ރަހީނުކޮށް، އޮރިޔާންކޮށް ވީޑިއޯ ކުރުމަށްފަހު ބްލެކްމޭލް ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ރޭގެ ވަގުތެއްގައި މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ އެކުއްޖާގެ މަންމަ މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

އެކުއްޖާގެ މަންމަ ބުނެފައިވަނީ އެކުއްޖާ ނިދާފާ އޮއްވާ ކުދިންތަކެއް ވަދެ ބޭރަށް ނުގޮސްފިނަމަ މަރާލާނެކަމަށް ބުނެ ގެންގޮސް އަނިޔާކޮށް، ބަރަހަނާ ވީޑިއޯ ހަދާ، އެފުރައިގެ ގިނަ ކުދިން ތިބޭ އިންސްޓަގްރާމް ގްރޫޕަކަށް ވީޑިއޯ ލުމަށްފަހު މަރުގެ އިންޒާރު ދީފައިވާކަމަށެވެ.

"މިއަށްވުރެ ވަކި ސީރިއަސް ކްރައިމްއެއް ކޮބާ ހެއްޔެވެ؟ މީ ގްރޭޑް 9 ގައި އުޅޭ ކުއްޖެއް އިސްވެހުރެ ގްރޫޕަކުން ހިންގި އަމަލެއް ވީމަ މިފަހަރުވެސް އޮންނާނީ އޭނަގެ ހައްގެވެ. އަހަރެންގެ ދަރިފުޅަށް އިންސާފު ހޯދާދޭނީ ކިހިނެއްހެއްޔެވެ؟" އެ ކުއްޖާގެ މަންމަ ބުނެފައިވެ އެވެ.

ފުލުހުން ބުނީ މައްސަލަ ބަލަމުން ދާކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރަސްދޫ މިސްކިތެއް ތެރޭގައި ކުއްޖަކަށް ބުލީކޮށް އަނިޔާކޮށްފައިވާ ވީޑިއޯއެއްވެސް ވަނީ އާންމުވެފަ އެވެ.