ހުޅުމާލެއިން ދޫކުރާ 1،374 ޕޮކެޓް ޕާކިން ޖާގައަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެޗްޑީސީން ވަނީ، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ 8 ޕޮކެޓް ޕާކިން ޒޯނަކުން 1،374 ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ނިންމާފަ އެވެ. މި ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހަށް ކަމަށާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މަހަކު 2،000 ރުފިޔާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ޕާކިން ޖާގަތަކަށް އެދުމަށް ފުރުސަތު ފުރަތަމަ ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް އެ ކޯޕަރޭޝަނުން ވަނީ އެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް މިހާރު އިތުރުކޮށްފަ އެވެ.

އެޗްޑީސީން ބުނީ އެ މުއްދަތުގެ ތެރޭގައި ރަސްމީ ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށް އެޗްޑީސީގެ ރިސެޕްޝަނުން ފޯމު ބަލައިގަންނާނެ ކަމަށެވެ.

އެޗްޑީސީން ބުނީ 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ވެސް މި ޕާކިން ޖާގަތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. ޕާކިން ޖާގައަށް އެޕްލައިކުރާ ފަރާތުގެ ނަންމަތީގައި، މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލެއް އޮންނަންޖެހޭ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އަދި ޕާކިން ހޯދަން އެޕްލައިކުރާ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށް ވެސް ވާންޖެހެ އެވެ.

އެޗްޑީސީން ބުނީ މި ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ކަމަށެވެ. އެއަށްފަހު، ހުޅުމާލެ ފިޔަވައި މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރެވޭނެ އެވެ.

ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބު:

  • ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން
  • ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭ ރައްޔިތުން
  • މާލޭ ސަރަހައްދުގައި (ހުޅުމާލެ ނުހިމަނާ) ދިރިއުޅޭ ރައްޔިތުން

މި ޕާކިން ޒޯނުތަކުން ޕާކުކުރާނެ ޖާގަ ކުއްޔަށް ހިފާނެ ފަރާތްތައް ކަނޑައަޅާނީ، އެ ޒޯނަކުން ޕާކިން ޖާގައަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުންނެވެ.