ދިވެހި ރާއްޖޭން ވެސް މިލްކުވެރިކަން ހޯދަން މަސައްކަތް ކުރި ޗާގޯސްގެ ޖަޒީރާތައް އަނބުރާ މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން މިއަދު އެއްބަސްވެއްޖެ އެވެ.
އައްޑު އަތޮޅުގެ ދެކުނުން 400 މޭލު ދުރުގައި އޮންނަ ޗާގޯސްގެ ރަށްތައް، ބައިގަރުނަށް ފަހު އަނބުރާ މޮރިޝަސް އަށް ދޭން އިނގިރޭސިން އެއްބަސްވީ ބައިނަލްއަގުވާމީ ކޯޓުގައި ވެސް އެ މައްސަލަ ދިގު ދެމިގެން ގޮސް، އެންމެ ފަހުން ކުރި މަޝްވަރާތަކަށް ފަހު އެވެ. ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ މިނިވަންކަން މޮރިޝަސް އަށް ދޫކޮށްލާ އިރު އެމެރިކާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ވެސް މޮރިޝަސް އަށް ދޫކޮށްލާނެ އެވެ. ޑިއެގޯ ގާސިއާ އަކީ އެމެރިކާގެ މަނަވަރުތަކާއި ދިގު ރާސްތާ ދަތުރުތަކުގައި ބޭނުންކުރާ ބޮން އަޅާ ބޯޓުތައް ބޭނުންކުރާ އަސްކަރީ މަރުކަޒެކެވެ. ޑިއެގޯ ގާސިއާ އަކީ އެމެރިކާ އަށް ދިގު މުއްދަތަކަށް ކުއްޔަށްދީފައި އޮންނަ ތަނެކެވެ. ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އިނގިރޭސިން އެއްބަސްވީ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒު ހިންގާ ގޮތަށެވެ. އިންޑިއާ ކަނޑުގައި އޮންނަ ޑިއެގޯ ގާސިއާ އަކީ ޗައިނާ އާއި އިންޑިއާ އިން ވެސް ހޯދަން ބޭނުންވާ ތަނެކެވެ.
ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލިކަން އިއުލާންކުރީ ދެ ގައުމުގެ ބޮޑުވަޒީރުން ނެރުއްވި ބަޔާނެއްގަ އެވެ.
ޗާގޯސްގެ ރަށްތައް އިނގިރޭސިން އިސްތިއުމާރު ކުރުމަށް ފަހު އިނގިރޭސިން ވަނީ އެ ތަނުގެ ރަށްވެހިން ވެސް ބޭރުކޮށްލައިފަ އެވެ. ނަމަވެސް އެ މީހުން އަލުން އާބާދު ކުރުމުގެ މަސައްކަތް މޮރިޝަސް އަށް ދެން ފެށޭނެ އެވެ. ނަމަވެސް ޑިއެގޯ ގާސިއާގައި އެއްވެސް ބަޔަކު ވަޒަންވެރިއެއް ނުކުރާނެ އެވެ.
ޗާގޯސްގެ ރަށްތައް އިނގިރޭސިންގެ ބާރުގެ ދަށަށް ގެންދިޔައީ މޮރިޝަސް އިސްތިއުމާރު ކޮށްގެން ގެންގުޅުމަށް ފަހު އެ ގައުމަށް މިނިވަންކަން ދިނުމުގެ ބަދަލެއްގެ ގޮތުންނެވެ. ނަމަވެސް 1968 ވަނަ އަހަރު އިނގިރޭސިން އެކަން ކުރީ ގަދަބާރުން ކަމަށާއި ޗާގޯސްގެ ރަށްތަކުގެ ވަޒަން ވެރިން ނެރެލީ ވެސް ގަދަކަމުން ކަމަށް މޮރިޝަސް އިން ބުނެ އެވެ. އެ ދުވަސްވަރު އިނގިރޭސިން ދިޔައީ ޑިއެގޯ ގާސިއާ އެމެރިކާ އަށް ކުއްޔަށް ދިނުމާ ބެހޭ ގޮތުން ދެ ގައުމުގެ މެދުގައި ސިއްރު މަޝްވަރާތަކެއް ކުރަމުންނެވެ.
އިނގިރޭސިން ފަހުން ވަނީ ޗާގޯސް އިން ހާހެއްހާ މީހުން ނެރެލި މައްސަލައިގައި މައާފަށް އެދިފަ އެވެ. ޗާގޯސް އިން ބޭރުކޮށްލި މީހުން ދިރިއުޅެނީ މޮރިޝަސް އާއި ސީޝެލްސް އަދި އިނގިރޭސި ވިލާތުގަ އެވެ.
ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ހަވާލުކުރާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި އިނގިރޭސިންނަށް ވަނީ ނާކާމިޔާބުވެފަ އެވެ. އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ވަނީ ޗާގޯސްގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ކަނޑައަޅައިފަ އެވެ. ނަަމަވެސް އެއީ އައިސީޖޭގެ އިޝްތިރާކީ ލަފައެއް ކަމަަށް ބުނެ އިނގިރޭސިން ވަނީ އެ ނިންމުމަށް އަމަލު ކުރަން ދެކޮޅު ހަދައިފަ އެވެ. އދ.ގެ އާއްމު މަޖިލީހުން ވެސް ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮތް ފަރާތަކީ މޮރިޝަސް ކަމަށް ނިންމައިފަ އެވެ.
މި ހުރިހާ ކަމެއް މިހެން ހުރުމާ އެކު ޗާގޯސްގެ މައްސަލާގައި އިނގިރޭސިން ވަނީ ދުނިޔޭގައި ވަރަށް ބޮޑަށް އެކަހެރިވެފަ އެވެ. ޚާއްސަކޮށް މި މައްސަލާގައި އެފްރިކާގެ ގައުމުތަކުން ވަނީ އިނގިރޭސިންނާ ދެކޮޅަށް އެއް އަޑަކުން ވާހަކަ ދައްކަން ފަށައިފަ އެވެ.
އދ.ގެ އެންމެ މަތީ ކޯޓާއި އާއްމު މަޖިލީހުގެ ނިންމުމާ އެއްގޮތަށް ޗާގޯސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށްވާތީ އެ ގައުމުން ވަނީ، ދިވެހި ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހަޅައިފަ އެވެ. އިޓޮލްސް އިން ވެސް ވަނީ ޗާގޮސްގެ މައްޗަށް އިނގިރޭސިންގެ ބާރު ނުހިންގޭނެތީ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު ވަކިކޮށްފަ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ބައިކުރާ އިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެބައި ދެ ގައުމަށް ބަހާލީ ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ. ދެ ގައުމުގެ އީއީޒެޑުގެ 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ ބައި ބަހާއިރު ބޮޑުބައި ލިބުނީ ރާއްޖެ އަށެވެ.
ނަމަވެސް އެ ދުވަސްވަރަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރަށް ވުމުން އޭރުގެ އިދިކޮޅުން (މިހާރު ވެރިކަމުގެ ތިބި ފަރާތްތަކުން) ވަނީ އެކަން ވަރަށް ބޮޑަށް ސިޔާސީކޮށް ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލީ ކަމަށް ބުނެ އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ވެރިކަން ލިބިއްޖެ ނަމަ އިޓޮލްސްގެ ނިންމުން އިސްތިއުނާފްކޮށް، ކަނޑުން ގެއްލުނު ބައި ހޯދާނެ ކަމަށް ވަނީ ޕީއެންސީން ވައުދުވެފަ އެވެ. ނަމަވެސް އާ ސަރުކާރަށް އަންނަ މަހު އަހަރެއްހާ އިރު އެ މަސައްކަތް މާހަރުދަނާ ގޮތެއްގައި ކުރާ ތަނެއް ނުފެނެ އެވެ.