ލުބުނާނުގެ ސަލާމަތީ މަސްދަރަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިޒްބުالله އިން ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ ހާޝިމް ސަފީދީންއާ ގުޅުން ކެނޑިފަ އެވެ.

އިޒްރޭލުން ދިން ވައިގެ ހަމަލާއެއް އަމާޒުވި ހިޒްބުاللهގެ އަންޑަގްރައުންޑް އިންޓެލިޖެންސް ހެޑްކުއާޓަރުގެ ތެރޭގައި ހާޝިމް ސަފީދީން ހުންނެވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހިޒްބުﷲގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއާމަންގެ ހައިސިއްޔަތުން ސަފީދީން އަކީ އެ ޖަމާއަތުގެ ވަރަށް މަތީ މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. އޭނާއަކީ ދާދިފަހުން އިޒްރޭލުން ދިން ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާ އެ ޖަމާއަތުގެ ކުރީގެ ލީޑަރު، މަރުހޫމް ހަސަން ނަސްރުاللهގެ ތިމާގަ ބޭފުޅެކެވެ.

ހުކުރު ދުވަހުގެ ހެނދުނު ދިން ހަމަލާގައި މަރުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސަފީދީން އަވަހާރަކޮށްލުމަށް އިޒްރޭލުން ހަމަލާތަކެއް ދީފައިވާނެކަމަށް އެގައުމުން ވަނީ ބުނެފަ އެވެ. ސަފީދީން އަވަހާރަކޮށްލަން އިޒްރޭލުން މަސައްކަތް ކޮށްފައިމިވަނީ ހިޒްބުﷲގެ ލީޑަރަކަށް ވާނީ އޭނާ ކަމަށް އަޑުފެތުރިފައިވާ ވަގުތެއްގަ އެވެ.