އިއްޔެ ހެނދުނު އެންމެ ފުރަތަމަ ވެސް ފޭސްބުކުން ފެނުނު ޕޯސްޓަކީ ރާއްޖޭގެ ދެކުނަށް ނިސްބަތްވާ އިލްމުވެރި ޒުވާނެއް ކަމަށްވާ އިޔާޒު ނަސީމް، ޗާގޯސްއާ ބެހޭ ގޮތުން ކުރެއްވި ޕޯސްޓެކެވެ. އެ ޕޯސްޓުގައި އޭނާ ސިފަކުރެއްވީ އޭޝިއާގައި އޮތް ފޯޅަވަހި އަތޮޅު އެފްރިކާގެ މޮރިޝަސްއަށް މިލްކުވުމުގެ އެންމެ ފަހުގެ މަރުހަލާ ފެށިއްޖެ ކަމަށެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ އިނގިރޭސިވިލާތުން ފޯޅަވަހި ނުވަތަ ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އެއްބަސްވި އެއްބަސްވުމަށެވެ. ހަގީގަތުގައި އެ ހިސާބުން އެކަން އެނިމުނީ އެވެ. އެ ޕޯސްޓަށް ކޮމެންޓެއްކޮށް ދިވެހި ސަރުކާރަށް އިނގިރޭސި ސަރުކާރާ އެމައްސަލައިގައި މަޝްވަރާކޮށްލުމުގެ ހިތްވަރު ވެސް ނެތުމުން ދެން ކުރާނީ ކީއްހޭ ބުނުމުން އޭނާ އެ ވާހަކައާ އެއްބަސްވި އެވެ.

"ހައްގު އެއްޗެއްވެސް ހޯދުމަށް ވަކާލާތު ނުކުރެވިއްޖެނަމަ ނުލިބޭނެ. ހަމަ އެހެންމެ ހައްގު ނޫން އެއްޗެއްވެސް ވަކާލާތު ކޮށްގެން ހޯދި ދާނެ،" މިއީ އޭނާގެ ޖަވާބެވެ.

ޗާގޯސް މައްސަލާގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ކުރީގެ ދެ ބަންޑާރަ ނައިބުން ބައިވެރިވަނީ. ފޮޓޯ: ޕީޕީއެމް

އެ ވިދާޅުވި ވާހަކަފުޅުގެ އެންމެ ރީތި މިސާލެއް ފެންނާން އޮތީ ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިންނެވެ. ދިވެހިން، ފޯޅަވަހި ވެސް ހިމެނޭހެން އިންޑިޔާ ކަނޑުގައި ރަސްކަންކޮށް އިންޑިޔާއާ ޕޯޗްގީޒުންނާ ހަނގުރާމަކޮށް އުޅުނުހާ ދުވަހަކު އުޅުނުއިރު ވެސް ފަޅު ރަށެއްގެ ގޮތުގައި އޮތް މޮރިޝަސްއަށް ފޯޅަވަހި ލިބުނީ އެމީހުންނަށް އެރަށްތައް ހައްގު ނުވިޔަސް ހޯދަން ކުރި މަސައްކަތުންނެވެ. ދިވެހިންގެ އަތުން އެރަށްތައް ބީވެ ދިޔައީ ދިވެހިންގެ ފަރުވާ ކުޑަކަމާ އަޅާލުންކުޑަކަމުގެ ސަބަބުންނެވެ.

ރާއްޖޭގެ ވެރިކަމުގައި މިހާރު އޮތީ ފޯޅަވަހީގެ މައްސަލައިގައި ވަރަށް ގަދަޔަށް ވަކާލާތު ކުރަމުން ވެރިކަމަށް އައި ސަރުކާރެކެވެ. ވެރިކަމަށް އައުމުގެ ކުރިން އެމީހުން ގޮވަމުން ދިޔައީ ފޯޅަވަހި ވިއްކާލި ވާހަކަ އެވެ. އެހެންނަމަވެސް ވެރިކަމަށް އަހަރު ވާން އުޅޭ އިރުވެސް ފޯޅަވަހީގެ މައްސަލާގައި ކުރާނީ ކީއްކަން ސަރުކާރަށް އޮތީ ނޭނގިފަ އެވެ. އެންމެ ފަހުން ވެސް ސަރުކާރުން ބުނެފައި ވަނީ އެ މައްސަލަ މުރާޖައާ ކުރަމުންގެންދާ ކަމަށެވެ.

އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއަށް ދޭން ނިންމުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ ރާއްޖެއިން ޗާގޯސްގެ މައްޗަށް ދައުވާކުރަމުން ގެންދަނިކޮށް އިނގިރޭސިވިލާތުން އެގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ.

ނަޝީދުގެ އެވާހަކަފުޅާ ގުޅިގެން އުފެދޭ ސުވާލަކީ ރާއްޖެއިން އެކަމާ އެބަ އުޅޭ ހެއްޔެވެ؟ ނުވަތަ ރާއްޖޭގެ ޝަކުވާ އެއްވެސް ހިސާބަކަށް އުފުލި ހެއްޔެވެ؟

ދިވެހި ރާއްޖެއަށް ލިބެން ޖެހުނަސް ހޯދަން ވަކާލާތު ނުކުރި ޗާގޯސްގެރަށެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެމަނިކުފާނުގެ ޕާޓީގެ ފްރޮންޓް އޮފީސް ޖަލްސާގައި މިމައްސަލައަށް އިޝާރާތް ކުރައްވާފަ އެވެ. އެމަނިކުފާނު އުފެއްދެވި ސުވާލަކީ ޗާގޯސް ހޯދަން އައި ސަރުކާރު އެމައްސަލާގައި އިނގިރޭސިވިލާތާ ވާހަކަ ދެއްކި ހެއްޔެވެ؟ ދާން ކެރުނު ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ނުދެ އެވެ. އިނގިރޭސި ވިލާތް އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެއްވެސް އިދާރާއަކަށް ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާކޮށް ރާއްޖެއިން މައްސަލަ ހުށަހާޅާފައެއް ނެތެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އިނގިރޭސިވިލާތުގައި އޮތީ ކޮންސާވެޓިވް ޕާޓީގެ ވެރިކަމެވެ. ރިޝީ ސުނާކްގެ ބޮޑުވަޒީރުކަމުގެ ފަހު ދުވަސްކޮޅު ކެބިނެޓަށް ގެންނެވި ބަދަލަކާއެކު އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ފޮރިން މިނިސްޓަރު ކަމަށް ވަޑައިގެންނެވި އެވެ.

ކެމެރަންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޭރު ވީ ޗާގޯސް މޮރިޝަސްއަށް ދޫކޮށްލުމަށް ކުރަމުން ދިޔަ މަޝްވަރާ އެވެ. ކެމެރަން ވިދާޅުވީ ސަލާމަތީ ގޮތުން ޔޫކޭއަށް އެހާ މުހިންމު ތަނެއް އެގޮތަށް ދޫކޮށްނުލައްވާނެ ކަމަށެވެ.

ހަގީގަތުގައި އެއީ ދިވެހި ރާއްޖެއިން އިނގިރޭސިވިލާތާ މަޝްވަރާ ކުރަންޖެހޭ ވަގުތެވެ. އެ މަސައްކަތް ކުރުމަށް ރާއްޖެއަށް ވަގުތު ލިބުނެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން އެކަމާ އުޅުނު ތަނެއް ނުފެނުނެވެ.

އިނގިރޭސި ވިލާތުން ޗާގޯސް ދޫކޮށްލުމުގެ މައްސަލަ ރިވިއުކުރާ ބޭރުގެ ނޫސްތަކަކަށް ވެސް ރާއްޖޭގެ ވާހަކަ އަރާފައެއް ނުވެ އެވެ. ސަބަބަކީ ބޭރުގެ އެއްވެސް ތަނެއްގައި ރާއްޖެއިން ޗާގޯސްއަށް ދައުވާ ކޮށްފައިނުވުމެވެ. އެހެން ނަމަވެސް މޮރިޝަސްގައި ބަޔަކު ނެތް އިރު ވެސް ރާއްޖޭގެ ތަނެއް ކަމުގައި އިނގިރޭސިން ވެސް ބަލަމުން އައި ފޯޅަވަހި އަތޮޅު ހޯދަން ދައުވާކުރުމުގެ ހައްގު ހުރިހާ ގޮތަކުން ވެސް އޮތީ ރާއްޖެއަށް ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ޗާގޯސް މައްސަލާގައި އޭރުގެ އިދިކޮޅު ކޯލިޝަނުން މިދިޔަ އަހަރު ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންދަނީ. ފޮޓޯ: ޕީޕީއެމް

އެ ސަރަހައްދު އިނގިރޭސިން އަޅުވެތިކުރީ ރާޢްޖޭގެ ބައެއްގެ ގޮތުގައި އޮއްވަ އެވެ. މޮރިޝަސްއަށާއި ޗާގޯސްއަށް މީހުން ގެންދިޔައީ މާ ފަހުންނެވެ. އެހެންކަމުން އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރެވޭނެ ގާނޫނީ ހަމައެއް ވެސް ނެތެވެ. އެހެނަސް އެވާހަކަ ދިވެހި ރާއްޖެއިން އެއްވެސް ތަނަކަށް ހުށަހަޅައި ރަށްތައް ހޯދަން ވަކާލާތު ނުކުރާތީ ވަކާލާތުކުރި މީހުންނަށް ލިބުނީ އެވެ. ދިވެހި މުހާވަރާގައި ބުނާ "ނުރޯދަރި" ފަދައިން ދިވެހި ރާއްޖެ އޮންނަންވީ ބޯނެ ކިރު ނޭރި އެވެ. ޗާގޯސް ހަވާލުކުރުމުގެ އެންމެ ފަހުގެ މަރުހަލާ ފެށުނުއިރު ވެސް ދިވެހި ސަރުކާރުން އޮތީ އެ މައްސަލަ މުރާޖައާ ކުރުން މަތީގަ އެވެ.