އިންޑިއާގެ ނިއުދިއްލީގައި ހުންނަ އިޒްރޭލްގެ އެމްބަސީއަށް ހަމަލަ ދިނީ އީރާނުން ކަމަށް ތުހުމަތުކޮށްފި އެވެ.
އިންޑިއާގެ މީޑިއާއިން ބުނާ ގޮތުގައި އިންޑިއާގެ ނިއު ދިއްލީގައި ހުރި އިޒްރޭލްގެ އެމްބަސީއަށް މިދިޔަ ޖެނުއަރީ މަހު ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާންގެ ގުދުސް ފޯސް އެވެ. އަދި އެމްބަސީ ކައިރީގައި ބޮން ހަރުކޮށްފައި ވަނީ އިންޑިއާގެ ޝީއީންގެ ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ބޮން ގޮއްވާފައި ވަނީ ޖެނުއަރީ 29 ވަނަ ދުވަހުގެ ތެރޭ އިޒްރޭލްގެ އެމްބަސީއާ ވަރަށް ކައިރީގަ އެވެ. އަދި އިޒްރޭލްގެ އޮފިޝަލުން މި ހަމަލާ ދެކެނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގަ އެވެ.
"އެއްވެސް ފަރާތަކަށް ގެއްލުމެއް ވެފައި ނުވިޔަސް އިންޑިއާ އަދި އިޒްރޭލުން ދެކޭ ގޮތުގައި މިއީ ޓެރަރިޒަމްގެ ހަމަލާއެއް،" އިޒްރޭލުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި ހަމަލާދީފައި ވަނީ އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދް އާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ބޮން ގޮއްވާލި ސަރަހައްދާ ކިލޯ މީޓަރެއްހާ ދުރުގައި ބޭއްވި މިލިޓަރީ ރަސްމިއްޔާތެއްގައި ތިއްބަވަނިކޮށެވެ.
ތަހުގީގުތަކުން ދައްކާގޮތުގައި އެތަނުގައި ގޮއްވާލި އެ ބޮމަކީ ރިމޯޓުން ކޮންޓްރޯލް ކުރާ ކަހަލަ ބޮމެކެވެ. އަދި އެ ބޮންގޮއްވާފައިވަނީ ފެންނަ ހިސާބުގައި ހުރެ ކަމުގައި އިންޑިއާގެ "ދަ ހިންދުސްތާން ޓައިމްސް" ގައި ރިޕޯޓު ކޮށްފައިވެ އެވެ.
ކައުންޓާ ޓެރަރިޒަމް އެޖެންސީތަކުން ބުނިގޮތުގައި ބޮމުގައި އެމޯނިއަމް ޕައުޑަރު އާއި ރޭޒާފުށްތައް ހުއްޓެވެ.
މީގެ އިތުރުން "ދަ ހިންދުސްތާން ޓައިމްސް" ގައިވާ ގޮތުން އެ ހަމަލާގެ ސަރަހައްދުން ސިޓީ އެއް ތަހުގީގީ އިދާރާތަކަށް ވަނީ ފެނިފަ އެވެ. މި ސިޓީ އަކީ އިންޑިއާއް ކަންޑައަޅައިފައިވާ އިޒްރޭލްގެ ސަފީރަށް ލިޔެފައިވާ ސިޓިއެއްކަން ވެސް ނޫހުގައި ބުނެފައިވެ އެވެ.
އެ ސިޓީގައި ސަފީރަކީ ޓެރަރިސްޓެއެއްކަމާއި ޓެރަރިސްޓް ގައުމަކުން އައިސްހުރި ފަރާތެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މީގެ އިތުރުން ސިޓީގައި ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސޮލެއިމާނީ އާއި އީރާންގެ "ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސް"ގެ ޑެޕިއުޓީ ކޮމާންޑަރު އަބޫ މަހްދީ އަލް މޮހަންދެސްގެ މަރުގެ ބަދަލު ހިފާނެ ކަމަށް ވެސް ލިޔެފައިވެ އެވެ.
ތަހުގީގުކުރާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި އެ ސިޓީ ލިޔެފައި ވަނީ އީރާންގެ މީހެއް ކަމާއި އޭޖެންޓެއް މެދުވެރިވެ، އިންޑިއާގެ ޝީއީއަކާ ހަވާލުކޮށްގެންނެވެ.
އެމެރިކާއިން ދިން ވައިގެ ހަމަލާއަކުން ސޮލައިމާނީ އާއި އަލް މޮހަންދެސް މަރާލާފައި ވަނީ ޖަނަވަރީގައި ބަގަދާދްގެ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
"ދަ ހިންދުސްތާން ޓައިމްސް" އެއްވެސް ސުވާލަކަށް އިންޑިއާ އާއި ހުރި އީރާންގެ އެމްބަސީން ޖަވާބު ދީފައެއް ނުވެ އެވެ.