އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހުން ނިންމި ބައެއް ނިންމުންތަކުގެ މައްސަލަ ނިންމިގޮތުގެ ލިޔުން ގެއްލިއްޖެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ހުށަހެޅި އާރްޓީއައި އަށް އެ އޮފީހުން ދިން ޖަވާބުގައި ވަނީ އެ އޮފީހަށް ހުށަހެޅިފައިވާ ހަތް މައްސަލައެއް ނިމިފައިނުވާ ކަމަށެވެ. އަދި އެ އޮފީހުން ނިންމައި ފާސްކޮށްފައިވާ ބައެއް މައްސަލަތަކުގެ ފާސްކޮށްފައިވާ މައްސަލަ ނިންމިގޮތުގެ ފައިނަލް ރިޕޯޓްތައް ސާވާގައި ނެތް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ އޮފީހުން ބަލައި ގޮތެއް ނިންމާފައިވާ ބައެއް މައްސަލަތަކަކީ އިންތިގާލީ އިންސާފުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިހްތިސާސްގެ ތެރޭގައި އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ އޮފީހަށް ލިބޭ މައްސަލަތައް ކަމާ މެދު ސުވާލު އުފެދޭ މައްސަލަތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެގޮތުން އެ އޮފީހުން ބަލާފައިވާ މައްސަލަތަކުގެ ޑޮކިއުމެންޓްތައް ހާމަކުރުމާއި، މައްސަލަތައް ނިންމާފައި ވަނީ އެ އޮފީހަށް ލިބިފައިވާ އިހްތިސާސްގެ ތެރެއިންކަން ބެލުމާއި، އެ އޮފީހުން ބަލާފައިވާ މައްސަލަޔަކީ ގާނޫނުގައި ބަޔާންކުރާ ބަދަލެއް ނަގައިދިނުމާ ގުޅޭ މައްސަލައެއްކަން ނުވަތަ ނޫންކަން ވަޒަންކުރުންފަދަ އިދާރީގޮތުން ކުރަންހުރި ގިނަ މަސައްކަތްތަކެއް އިތުރަށް ކުރަންހުރިކަން ފާހަގަކުރެވެ އެވެ،" އޭޖީ އޮފީހުން ދިން ޖަވާބުގައިވެ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހަށް ހުށަހެޅި ތަހުގީގުކޮށްފައިވާ މައްސަލަތަކަކީ ރައްޔިތުންގެ ހައްގުތަކާ ގުޅޭ ހައްސާސް މައްސަލަތަކެއް ކަމުގައިވާތީ އެކަންކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި އެކަމުގައި އަމަލުކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބެލި މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލި މައްސަލަ އާއި ގދ. ތިނަދޫން މީހުން ބޭލުވުމުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ މައްސަލަ ހިމެނެ އެވެ.