ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓް (ޖެންޑާ) މިނިސްޓަރު އާއިޝަތު ޝިހާމްގެ ގާތް ބަޔަކަށް އެ މިނިސްޓްރީން މާލީ ބޮޑެތި މަންފާތަކެއް ހޯދައިދިންކަން ހާމަވެއްޖެ އެވެ.

މިނިސްޓަރު އާއިޝަތު ޝިހާމުގެ ގާތް އަދި ވިޔަފާރި ބައިވެރިންކަމަށްވާ އަބްދުލް ހަމީދު އާއި ފާތިމަތު ސޯފިޔާ ރަޝީދުއަށް އެ މިނިސްޓްރީގައި އެކިކަހަލަ ޕްރޮގްރާމު ހިންގުމަށް ކަމަށް ބުނެ ތިން ލައްކަ ރުފިޔާއަށް ވުރެން ގިނަ ފައިސާ ވަނީ އެކި ފަހަރުމަތިން ދީފަ އެވެ.

އެގޮތުން އަބްދުލް ހަމީދުއަށް 21 ޑިސެމްބަރު 2021 ގައި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް ހާއްސަ ސެޝަންތަކެއް ހިންގުމަށް 34،000 ރުފިޔާ ވަނީ ދީފަ އެވެ. އޭގެފަހުން 3 މެއި 2024 ގައި މުވައްޒަފުންނަށް ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމެއް ހިންގުމުގެ ނަމުގައި 33،200 ރުފިޔާ، 23 މެއި 2023 ގައި އިތުރު ޓްރޭނިންގް ޕްރޮގްރާމަކަށް 32،600ރ އަދި 4 ޖޫން ގައި ތަމްރީނު ޕްރޮގްރާމެއް މުރާޖާކުރުމަށް 30،500 ރުފިޔާ ދީފައިވެ އެވެ.

އަބްދުލް ހަމީދަށް ޖެންޑާ މިނިސްޓްރީން ފައިސާ ދީފައިވާކަން އެނގޭ ލިޔުން

މިކަމާ ގުޅިގެން "ހުރިހާ" އަށް ލިބިފައިވާ ބައެއް ލިޔެކިޔުންތަކަށް ބަލާއިރު، ފާއިތުވި ނުވަ ވަރަކަށް މަސްދުވަހުގެ ތެރޭގައި އެކަނިވެސް ޖުމްލަ 130،300 ރުފިޔާ އަބްދުލް ހަމީދުއަށް އެ މިނިސްޓްރީން ހަމަޖައްސާދީފައިވެ އެވެ.

އަބްދުލް ހަމީދަށް ޖެންޑާ މިނިސްޓްރީން ދީފައިވާ ފައިސާ

ހަމީދުގެ އިތުރުން ދެން އެ މިނިސްޓްރީން ހަމަ މިކަހަލަ މަސައްކަތް ތަކަކަށް ފައިސާ ދީފައިވަނީ މިނިސްޓަރުގެ ވަރަށް އަރިސް މީހެއް ކަމަށްވާ ފާތިމަތު ސޯފިޔާ ރަޝީދަށެވެ. އޭނާ އަށް "ޗައިލްޑް ޕްރޮޓެކްޝަން ޕްރޮސީޖާ މެނުއަލް ކޮންސަލްޓެންސީ" ދިނުމުގެ ނަމުގައި ގިނަ އަދަދަކަށް ވަނީ ފައިސާ ދީފަ އެވެ.

އެކި ފަހަރު މަތިން ކޮންސަލްޓަަންސީގެ ނަމުގައި މިނިސްޓަރުގެ ބެސްޓް ފްރެންޑް ސޯފިޔާއަށް ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ދީފައި

އެގޮތުން ފުރަތަމަ އޮރިއެންޓޭޝަން ސެޝަންއަކަށް 34،000 ރުފިޔާ ދީފައިވާއިރު އުސޫލު ރިވިއުކުރުމަށް 82،800ރ، ކޮންސަލްޓޭޝަންއަށް 16،560ރ އިތުރުން 66،240 ރުފިޔާގެ ވެސް އެ ކޮންސަލްޓަންސީ މަސައްކަތުގެ ތެރެއިން ދީފައިވެ އެވެ. އެގޮތުން ސޯފިޔާއަށް ދެ ލައްކަ އާ ގާތްކުރާ އަދަދަކަށް ފައިސާ ދީފައިވާކަން ވަނީ ހާމަވެފަ އެވެ.

ފާތިމަތު ސޯފިޔާ ރަޝީދަށް ޖެންޑާ މިނިސްޓްރީން ފައިސާ ދީފައިވާކަން އެނގޭ ލިޔުމެއް

ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު، މިފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ކަމާގުޅުންހުރި އިދާރާއަކުންވެސް އަދި ސަރުކާރުންވެސް ބަލާފައިނުވެ އެވެ.

ޖެންޑާ މިނިސްޓްރީގެ މިފަދަ ކޮރަޕްޝަން މައްސަލައެއް ފެންމަތިވެފައިވާއިރު، ދާދިފަހުން ވަނީ އެ މިނިސްޓްރީގެ ސިވިލް ސާވިސް ސީނިއާ މުވައްޒަފަަކާމެދު ތަފާތުކުރުންތަކެއް ގެންގުޅުނު މައްސަލައެއް ފެންމަތިވެފަ އެވެ.