ޣައްޒާގެ ގެދޮރުގެއްލިފައިވާ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސުކޫލަކަށް އަނެއްކާވެސް އިޒްރޭލުން ހަމަލާދީ 28 މީހަކު ޝަހީދު ކޮށްލައިފި އެވެ.

އިޒްރޭލުން އިއްޔެގެ ވަގުތެއްގައި ދިން ވައިގެ ހަމަލާގައި 28 މީހުން ޝަހީދުވެފައިވާއިރު، 54 މީހަކު ޒަހަމް ވެފައިވާ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެފައިވެ އެވެ.

ޣައްޒާގައި ހުންނަ ރަފިދާ ސުކޫލަށް ހަމަލާ ދިނުމުގެ ކުރިން ހަމަލާ ދޭކަމުގެ ވާނިންގް ދީފައިނުވާކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ހަމަލާއާ ގުޅިގެންވެސް ޔަހޫދީ އަސްކަރިއްޔާއިން ބުނެފައިވަނީ ހަމަލާ އަމާޒުކުރީ ހަމާސްގެ ހަނގުރާމެވެރިންނަށް ކަމަށެވެ.

އިޒްރޭލުން މީގެ ކުރިންވެސް އެތައް ފަހަރަކު ވަނީ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ބޯހިޔާ ވަހިކަން ހޯދަމުން އައި ސުކޫލުތަކަށް އެކި ފަހަރު މަތިން ހަމަލާދީފަ އެވެ. އެގޮތުން ސެޕްޓެމްބަރު 26 ގައި އިޒްރޭލު ސިފައިން ޣައްޒާގެ ޖަބާލިޔާގެ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ 15 މީހުން ޝަހީދުކޮށްލާފައިވެ އެވެ.

މިފަދަ ހަމަލާތަކުގައި ގިނައިން ޝަހީދު ވަނީ މައުސޫމް ކުޑަކުދިންނާއި އަންހެނުންނެވެ. ޣައްޒާއަށް ޔަހޫދީން ހަމަލާ ދެމުން ގެންދާތާ އަހަރެއް ވެފައިވާއިރު ބައިލައްކާއާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުވެ، އެތައް މިލިއަން މީހުންގެ ގެދޮރުވަނީ ގެއްލިފަ އެވެ.