އިޒްރޭލުގެ ވަރުގަދަ ހަމަލާތަކާއެކު ހިޒްބުﷲގެ އިސްވެރިންގެ ގިނަ ބަޔަކު މަރާލާފައިވަނިކޮށް، ހިޒްބުالله އިން ދެކުނު ލުބްނާނުގައި ދިގު ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން ރޮކެޓް ފަޔަރާއި އެއްގަމު ހަމަލާތަކަށް ހާއްސަ އާ އަސްކަރީ ކޮމާންޑެއް ތައްޔާރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފާއިތުވި ތިން ހަފްތާގައި އިޒްރޭލުން ދީފައިވާ ހަމަލާތަކާއެކު، ހިޒްބުﷲގެ އަޑު ވަނީ މަޑުވެފަ އެވެ. އެ ޖަމާއަތަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ އާއެކު ގިނަ ލީޑާރުންތަކެއް ޝަހީދުވުމެވެ. ނަމަވެސް މި ހާލަތުން އަރައިގަނެ ހިޒްބުﷲ އިން އަލުން އެނބުރި އަންނާނެކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.
އިރާނުން ވާގިވެރިވާ ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތުގައި އަދިވެސް ހަނގުރާމައަކަށް ބޭނުންކުރާވަރަށް ހަތިޔާރު ހުންނާނެކަމަށްވެ އެވެ. އޭގެ ތެރޭގައި ބާރުގަދަ މިސައިލް ތައް ހިމެނޭއިރު، އަދި މި ހަތިޔާރުތައް އިޒްރޭލާ ދެކޮޅަށް ބޭނުންކޮށްފައި ނުވާކަމަށް އެ ޖަމާއަތުގެ ކަންކަން އެނގޭ މީހަކު މީޑިއާއަށް ބުނެފައިވެ އެވެ.
އިޒްރޭލުން ހަމަލާ ދެމުން ގެންދިޔަ ނަމަވެސް، އާ ކޮމާންޑާއެކު ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ރޮކެޓް ހަމަލާތައް ދީ، ހަނގުރާމަކުރިއަށް ގެންދެވޭނެކަމަށް އެ ޖަމާއަތުން ބުނެ އެވެ. މި ކޮމާންޑު ސެންޓަރުގެ އެއްވެސް މައުލޫމާތެއް އިތުރު ފަރާތްތަކަށް ނޭނގޭގޮތަށް ހަމަލާތަކުގެ މުއާމަލާތްތަކާއި ސްޓްރަކްޗާ ކުރިއަށް ގެންދެވޭގޮތައް ވަނީ އިންތިޒާމުކޮށްފަ އެވެ.
ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ 27 ސެޕްޓެމްބަރު ގައި އަވަހާރަކޮށްލިފަހު އެ ޖަމާއަތުން އަދި އާ ލީޑަރެއްގެ ނަން އިއުލާންކޮށްފައިނުވެ އެވެ. ނަސްރުﷲ އަށް ފަހު އާ ލީޑަރަށް ވާނެކަމަށް ބެލެވުނު އޭނާގެ އާއިލީ ބޭފުޅެއް ކަމަށްވާ ހާޝިމް ސަފީއްދީން ވެސް ހަމަލާތަކުގައި އަވަހާރަކޮށްލާފައިވާ ކަމުގެ ހަބަރުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް ހިޒްބުﷲ އިން އެކަން ކަށަވަރުކޮށްދީފައި ނުވެ އެވެ.