އިންޑިއާގެ ޓީވީ ދާއިރާގައި ކޮންމެ އަހަރަކު ވެސް އޮންނަ އެންމެ ކުލަގަދަ އެއް ހަފްލާ ކަމަށްވާ ސްޓާ ޕަރީވާރް އެވޯޑްސް މިރޭ މީޑިއާނެޓުން ދުރަށް ދައްކާނެ އެވެ.

ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ޗެނަލްއެއް ކަމަށްވާ ސްޓާ ޕްލަސްއިން ދައްކާ ސީރީޒްތަކުގެ މެދުގައި ދެވޭ އެ އެވޯޑަށް ކޮންމެ އަހަރަކު ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓެ އެވެ.

އެގޮތުން މިއަހަރުގެ އެވޯޑްސްގައި ވެސް އެ ޗެނަލްގެ ސީރީޒްތަކުގެ ތަރިންގެ އިތުރުން ޓީވީ ދާއިރާގެ މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެންދާނެ އެވެ.

އޭގެ އިތުރުން ވެސް ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބައެއް ތަރިންގެ ހުށައެޅުންތައް ވެސް ހަފްލާގެ ތެރެއިން ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މި އަހަރުގެ އެވޯޑުތަކަށް ބަލާއިރު އެންމެ ގިނަ ކެޓަގަރީތަކަށް ނޮމިނޭޓް ވެފައިވަނީ 2009 ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ"އާއި ޗާޓުތަކުގެ އެއްވަނަ ހޯދަމުން އަންނަ "އަނޫޕަމާ" އެވެ.

ސްޓާ ޕަރީވާރް އެވޯޑްސް މިރޭ 18:30ގައި ދުރަށް ދައްކަން ފަށާއިރު އެ ޕްރޮގްރާމް މީޑިއާނެޓްގެ ޗެނަލް 600 އާއި 860 ން ދުރަށް ދައްކާނެ އެވެ.